ސަރުކާރުގެ ސިޔާސީ މުވައްޒަފުން މަދުކުރުމަށް ކުރާ މަސައްކަތް މިހާރު އޮތީ ފިޔަވަޅު އެޅުމުގެ މަރުހަލާގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.
އިސް ތަރުޖަމާނު މިހެން ވިދާޅުވީ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެއެވެ. ސަރުކާރުގެ އިޤްތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް މުހިންމު ފިޔަވަޅުތައް ސަރުކާރުން ދަނީ އަޅުއްވަމުންނެވެ.
ސަރުކާރުގެ އިޤްތިޞާދީ އިސްލާހީ އެޖެންޑާއަކީ ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތެކެވެ. މި މަސައްކަތުގެ ދަށުން 2024 ވަނަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން ވަނީ މަދުކޮށްފައެވެ. ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް ބަލާނެ ނިޒާމެއް ޤާއިމުކުރުމަށް ކެބިނެޓުންވެސް ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވީ ސިޔާސީ މުވައްޒަފުން މަދުކުރުމަށް އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ނިމުމަކާއި ހަމައަށް އައިސްފައިވާކަމަށެވެ. ދެން އޮތީ ފިޔަވަޅު އެޅުމުގެ މަރުހަލާކަމަށެވެ. ތަރުޖަމާނު ވިދާޅުވީ މި އިވެލުއޭޓްކުރުމުގެ މަރުހަލާގެ ތެރެއިން ބައެއް ތަންތަނުގެ މަސައްކަތް ނިމިފައިވާކަމަށެވެ.
"އިވެލުއޭޓްކުރަނީ ހަގީގަތުގައި ނީޑެޑް ކެޕޭސިޓީ ގެނައުމުގެ ނިއަތުގައި. މިސާލަކަށް އެސްއޯއީތައް ވެއްޖެއްޔާ އޮންނާނެ ވަން ތާރޑްކަމަށްބަލާފައި މަދުކުރުން ނުވަތަ އުނިކުރަން. ސަރުކާރުގެ ސިޔާސީ މަޤާމުތައް ވަކި އަދަދަކަށް އަޅުގަނޑުމެން ތިރިކުރެވޭތޯ މަސައްކަތް ކުރަނީ. ދެން އެބައި އަންނާނީ. ދެން އަންނާނީ މައުލޫމާތުގެ އަލީގައި ތަންފީޒީ މަސައްކަތް ކުރުން." ތަރުޖަމާނު ވިދާޅުވިއެވެ.
ސިޔާސީ މަޤާމުތަކުގައި ތިބި މީހުންގެ ފެންވަރު ވަޒަންކޮށް ވަކިކުރަން ޖެހޭ ފަރާތްތައް ވަރަށް އަވަހަށް ވަކިކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ
މި މަސައްކަތާއެކު ވުޒާރާތަކާއި ކުންފުނިތަކުގައި ތިބި ސިޔާސީ މުވައްޒަފުން މަދުވެގެންދާނެކަަމަށެވެ.
ކުންފުނިތަކުގެ ވަޒީފާތަކުން މީހުން ކަނޑަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަމާޒުކުރާ ފާޑުކިޔުންތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އެމަނިކުފާނު މަސައްކަތްކުރައްވަނީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ބެލުމުގެ ބަދަލުގައި، ޤައުމަށް އެންމެ މަންފާ ހުރި ގޮތަކަށް މަސައްކަތްތައް ބައްޓަންކުރައްވަން ކަމަށެވެ.
"އިހަށް ދުވަހު ވަޒީފާއިން މީހުން ކަނޑާތީ މުޒާހަރާކޮށްފި. ކުރިން އުޅުނީ ނުކަނޑައިގެން. އެހެންވެ މި ދެންނެވީ އިދިކޮޅު ފަރާތްތަކުން ދައްކާ ދެއުޅި އެއް ނުވާ ވާހަކަތަކަށް އަޅުގަނޑު މާބޮޑު ސަމާލުކަމެއް ނުދެން."
ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު އެންމެ ގިނަ މުވައްޒަފުން ބޭކާރު ގޮތުގައި ވަައްދާފައި ތިބީ ފެނަކައިގައި ކަމަށެވެ. އަދި ސަރުކާރުގެ ހިންގުމުގެ ޚަރަދު ބޮޑު އިރު ޒިންމާއެއް ނެތި ތިބި މުވައްޒަފުން ތިބި ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ފެނަކައިން ރަށްރަށުގައި ކުރާނެ އެއްވެސް މަސައްކަތެއް ނެތް ނަމަވެސް، ފަސޭހައިން މުސާރަ ލިބޭ ވަޒީފާތަކެއް ބަހާލުމުގެ ނަތީޖާއަކަށްވީ އެ ރަށްރަށުގެ މަސްވެރިކަމުގެ ސިނާއަތުގައި ތިބި މީހުން އެ ދާއިރާ އާއި ދުރަށް ދިއުން ކަމަށެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ މުވައްޒަފުން އިންތިހާއަށް އިތުރުކޮށްފައިވާކަމަށާއި، އެކަމުގެ ސަބަބުން މަސްވެރިކަން ގާތްގަނޑަކަށް ހުއްޓުމަކަށް އައިކަމަށް ރައީސް ވިދާޅުވިއެވެ. މި ވެރިކަމުގައި ކުންފުނިތަކާއި އިދާރާތައް ހިމެނޭހެން ގިނަ އަދަދެއްގެ ވަޒީފާތައް ދެމުންދާއިރު، ވަޒީފާ ދިނުމުގައި ރަނގަޅުކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ދަނީ ރަނގަޅުކުރަމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.