ޚަބަރު

ރަޝިޔާގެ ލަގްޒަރީ މާކެޓަށް ޚާއްޞަކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތެއް


  • މިއީ ލޮޓީއާއެކު ގާއިމްކުރި ޕާޓްނަރޝިޕުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއް

  • ރަޝިޔާ މާކެޓުގައި ރާއްޖެއަށް އޮތް ޑިމާންޑް ދަނީ އިތުރުވަމުން

ރަޝިޔާގެ ލަގްޒަރީ މާކެޓަށް ޚާއްޞަ ކޮށްގެން ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތެއް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން ކުރިޔަށް ގެންގޮސްފިއެވެ.

މިއީ، ރަޝިޔާގެ ލަގްޒަރީ އަދި "ސްލޯ ޓްރެވަލް" ސެގްމެންޓުގައި ދިވެހިރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް, ޓްރެވެލް ޓްރޭޑް ޕާޓްނަރުންނަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވި ހަރަކާތެއް ކަމަށް ވީއެމްސީން ވިދާޅުވެއެވެ.

ވީއެމްސީން ރަޝިޔާގައި ބޭއްވި މި ހަރަކާތަކީ ދިވެހިރާއްޖެއަކީ "ޓޮޕް-އޮފް-ދަ މައިންޑް" މަންޒިލަކަށް ހެދުމަށް ލޮޓީއާއެކު ވެފައިވާ ޕާޓްނަރޝިޕްގެ ދަށުން ބޭއްވި ފުރަތަމަ ހަރަކާތެވެ. މި ހަރަކާތުގައި ރަޝިޔާގެ މަޤުބޫލު ރެސްޓޯރެންޓެއް ކަމަށްވާ "އަސުންޓާ މާދްރޭ"ގެ ޓީމުން ވަނީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި, ދިވެހިރާއްޖޭގެ ރަހަތަކާ ގުޅުވައިގެން ޚާއްޞަ ކެއުންތަކެއް ތައްޔާރުކޮށްފައެވެ. އެގޮތުން ކަނޑުމަހުގެ ބާވަތްތަކާއި، ތާޒާ މަހުގެ އިތުރުން ޒަމާނީ ރަހަތައް އެކުލެވޭ ގިނަ ބާވަތްތަކުގެ ކާނާ ހިމަނައި، ކޮންމެ ކެއުމެއްގައި ބޭނުންކޮށްފައިވާ ތަކެތީގެ އަސްލާއި، ރަހަތައް އެއްކޮށްލުމުގައި ގެންގުޅުނު ފަލްސަފާ މެހުމާނުންނަށް ކިޔައިދީފައިވެއެވެ.

މިހަރަކާތާ ގުޅޭގޮތުން ލޮޓީން ބުނީ، ރާއްޖެއަކީ މިއަދު ދުނިިޔޭގެ އެންމެ ފެންވަރު ރަނގަޅު އަދި އެންމެ މަޤުބޫލު މަންޒިލަކަށްވެފައިވަނީ ފަތުރުވެރިކަން ކުރިއެރުވުމަށް ގެންގުޅުނު ދުރުވިސްނޭ ސިޔާސަތުތަކާއި، ޤުދުރަތީ ތަރިކަ ރައްކާތެރިކުރުމަށް ކުރި މަސައްކަތުގެ އަގުހުރި ނަތީޖާއިން ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީގައި ބައިވެރިވުމަކީ ލިބޭ ފަޚުރެއް ކަމަށްވެސް ބުންޏެވެ.

ލޮޓީއަކީ، ރަޝިޔާގެ އެންމެ ޕްރީމިއަމް ޓްރެވަލް އެންޑް ޓުއަރ އޮޕަރޭޓަރުންގެ ތެރެއިން ފާހަގަކޮށްލެވޭ އަދި ދިވެހިރާއްޖޭގެ އިތުރުން އެކިއެކި ފަތުރުވެރި މަންޒިލުތަކުގެ އެންމެ މަތީ ފަންތީގެ ޗުއްޓީ ދަތުރުތަކުގެ ތަޖުރިބާތަކަށް ޚާއްސަ ކުންފުންޏެކެވެ. އެ ކުންފުނިން ލަގްޒަރީ ޓުއަރތަކާއި، އެކްސްކްލޫސިވް އެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން ޗާޓަރ ފްލައިޓުތަކާއެކު ތަފާތު ލަގްޒަރީ ކެމްޕެއިންތައް ކުރިއަށް ގެންދެއެވެ.

ރަޝިޔާ މާކެޓުގައި ރާއްޖެއަށް އޮތް ޝައުޤުވެރިކަން އިތުރުވަމުންދާކަން 2025-2026 ވަނަ އަހަރުގެ "ލޯޓީ"ގެ ތަފާސްހިސާބުތަކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން "ލޫޖޯ ބްލެކްޖެޓް" ބިޒްނަސް ލައިނާގައި ރާއްޖެއަށް ކުރާ ދަތުރުތަކަށް އޮތް ތަރުހީބު ކުރީ އަހަރާ އަޅާބަލާއިރު ތިން ގުނައަށް އިތުރުވެފައިވާއިރު، ފްލައިޓުތަކުގެ 98 އިންސައްތަ ސީޓުތައް ވިކިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް 6,400 އަށްވުރެ ގިނަ ސީޓް ވިއްކާފައިވާއިރު، މިއީ ކުރީ އަހަރަށްވުރެ 1.8 ގުނަ އިތުރު އަދަދެއްކަން ލޮޓީން ފާހަގަކުރެއެވެ. އެގޮތުން އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ އައު އަހަރުގެ ބަންދާ ދިމާކޮށް ކަމަށާއި, ކުރިއަށް އޮތް ފެސްޓިވް ސީޒަންގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން 2026-2027 ގެ ފިނި މޫސުމަށް މިހާރުވެސް 20 އިންސައްތަ ބުކިންތައް ލިބިފައިވާއިރު، މިއީ ދުނިޔޭގެ ފެންވަރުގައި ދިވެހިރާއްޖެއަށް އޮތް މަޤުބޫލުކަން ދައްކައިދޭ ކަމެއް ކަމަށްވެސް ލޮޓީއިން ފާހަގަކުރެއެވެ.