ޚަބަރު

ފީފާ ވޯލްޑްކަޕް 2026 ގްރޫޕް އެލް؛ ޕެނަމާ – އިންގްލެންޑް / ކޮރޮއޭޝިޔާ - ގާނާ


ފީފާ ވޯލްޑްކަޕްގެ ގްރޫޕް އެލް ގެ ފުލުގައި އޮތް ޕެނަމާ އާއި ދެކޮޅަށް އިންގްލެންޑް މިރޭ ނިކުންނައިރު އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި ކްރޮއޭޝިޔާ 4-2 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ.

ނަމަވެސް ގާނާ އާއި ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެފައިވާއިރު އިންގްލެންޑަށް ލިބިފައިވާ 4 ޕޮއިންޓާއެކު އެ ޓީމު އޮތީ ގްރޫޕްގެ އެއްވަނައިގައި ފައިދާ ގޯލުގެ ތަފާތުންނެވެ.

ޕެނަމާ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައިނުވާއިރު އެ ޓީމަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޕެނަމާ އާއި އިންގްލޭންޑް އިން މިރޭގެ މެޗަށް ނިކުންނައިރު މި ދެޓީމު ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައިވެސް ބައްދަލުކޮށްފަ އެވެ. އެ މެޗު 6-1 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވިއިރު އެ މެޗުގައި ތިން ލަނޑު ޖަހާ ހެޓްރިކް ހެދި ހެރީ ކޭން މިރޭގެ މެޗުގައިވެސް ޕެނަމާ އާއި ދެކޮޅަށް ނިކުންނާނެ އެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ކްރޮއޭޝިޔާ އާއި ގާނާ މި މެޗަށް ނިކުންނައިރު ގާނާ ވަނީ ޕެނަމާ ބަލިކޮށް އިންގްލޭންޑް އާއި އެއްވަރުކޮށް ހަތަރު ޕޮއިންޓް ހޯދާފަ އެވެ. ކްރޮއޭޝިޔާއަށް ތިން ޕޮއިންޓް ލިބިފައިވަނީ ޕެނަމާ ބަލިކުރުމަށްފަހުގަ އެވެ.

އެހެންކަމުން މި މެޗު އެއްވަރުކޮށްގެންވެސް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ގާނާއަށް ދެވަނަ ބުރުގެ ޖާގައެއް ލިބިގެންދާނެ އެވެ. ނަމަވެސް ދެވަނަ ޓީމުގެ ގޮތުގައި ކްރޮއޭޝިޔާ ދާން ބޭނުންނަމަ އެ ޓީމަށް ޖެހޭނީ މި މެޗުން މޮޅުވުމަށެވެ.

2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑްކަޕްގައިވެސް ވާދަކޮށްފައިވާ މި ދެ ޓީމު މި މެޗަށް ނިކުންނައިރު ކްރޮއޭޝިޔާ އަކީ މިވަގުތު ދުނިޔޭގެ ރޭންކިންގެ 11 ވަނައިގައި އޮތް ގައުމެވެ. އަދި ގާނާ އޮތީ ރޭންކިންގެ 73 ވަނަ ދަރަޖައިގަ އެވެ.