ޚަބަރު

މާލޭގެ މަގުހެދުން: ފުރަތަމަ އިސްކަންދޭނީ މައި މަގުތަކަށް


  • ފެންބޮޑުވުން އެންމެ ބޮޑަށް ދިމާވާ ސަރަހައްދުތަކަށް އިސްކަންދޭނެ

  • މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު މަސައްކަތް ފެށޭނެ

މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ އިސްކަންދޭނީ މައި މަގުތައް ހެދުމަށް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީ ކުރުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ. މި ޒިޔާރަތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޗައިނާ ސަރުކާރުގެ އެހީތެރިކަމަށް އެދުނު އެންމެ ބޮޑު ސަބަބަކީ، މާލޭގެ ތޮއްޖެހުމާއި، ފެންބޮޑުވުމުގެ މައްސަލައިގެ އިތުރުން ޓްރެފިކް މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް އެ ދާއިރާގެ ފަންނީ ތަޖުރިބާއާއި ޤާބިލުކަން ހުރި ފަރާތެއްގެ ބައިވެރިވުން ބޭނުންވާތީ ކަމަށެވެ. މީގެ އިތުރުން، މިއީ ބޮޑު ހޭދައެއް ހިނގާނެ މަޝްރޫޢަކަށް ވުމާއެކު، ދައުލަތުގެ ބަޖެޓުން ސީދާ ޚަރަދު ކުރުމުގެ ބަދަލުގައި ޗައިނާގެ ފަންނީ އެހީތެރިކަމާއެކު ހިލޭ އެހީގެ ދަށުން މި މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ފީޒިބިލިޓީ ދިރާސާ ކުރި ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، މާލޭގެ މިހާރުގެ ޙާލަތަށާއި ފެންބޮޑުވުމުގެ މައްސަލަތަކަށް ރިއާޔަތްކޮށް، މިއީ ވަރަށް ތަފްސީލީ ސާވޭތަކެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދަންޖެހޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގައި މާލެއާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ހިމެނޭހެން ޑީޓެއިލް ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ފެންބޮޑުވުމުގެ މައްސަލައާއި މަގުތަކާ ގުޅުންހުރި އެހެނިހެން ދަތިތަކަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް އިސްކަންދެވޭނެކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ މަޖީދީމަގުގެ އިތުރުން ވިލިމާލޭގައި ތަރައްޤީ ކުރާ ހޮސްޕިޓަލަށް ދާން ބޭނުންވާ މަގުތައް ހެދުމަށް ކަމަށެވެ. މީގެ އިތުރުން، އައިޖީއެމްއެޗު ކުރިމަތީ މަގާއި ޝަހީދުޢަލީ ހިނގުން ހިމެނޭހެން، ފެންބޮޑުވުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާ ސަރަހައްދުތަކުގެ މަސައްކަތްތައް ކޮންސްޓްރަކްޝަން މަރުހަލާގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި މަސައްކަތްތަކާއެކު މުޅި މާލޭގެ މަގުތައް ފެންވަރު ރަނގަޅުކޮށް ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ސާވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، އެންމެ ބޮޑު އަމާޒަކީ މަސައްކަތަށް ވަގުތު ނެގި ކަމުގައިވީ ނަމަވެސް، މާލޭގެ މަގުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ އަދި ފުރިހަމަ ޙައްލެއް ހޯދައިދިނުން ކަމަށެވެ.

"އެންމެ ފުރަތަމަ ކްރިޓިކަލް ފިޒިކަލް މަސައްކަތްތައް ކުރިއަށްގެންދާ ގޮތަށް ކުރިއަށް މިދަނީ. އަޅުގަނޑުމެން އުންމީދު ކުރަނީ މިދާ މަސައްކަތް ނިމި މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު އެންމެ މުހިންމު މަޖީދީމަގާއި، ކަނބާއަސާރާނީ ހިނގުމާއި، ވިލިމާލޭ ހޮސްޕިޓަލަށް ދާ މަގުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ. އެއާއި އެއްކޮން މާލޭގެ ހުރިހާ މަގެއްވެސް ރަނގަޅު ފެންވަރަކަށް ހެދުމަށް ސާރވޭގެ މަގުތައް ފެށިގެންދާނެ." ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުމުގެ ރަމްޒެއްގެ ގޮތުން ކުރިއަށްދާ ނުހަނު މުހިންމު މަސައްކަތެކެވެ. ސަފީރު ވިދާޅުވީ، ފާއިތުވި މުއްދަތުގެ ތެރޭގައި މި މަޝްރޫޢުގެ ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މަޝްރޫޢުގެ ޑީޓެއިލް ޑިޒައިން މަސައްކަތްތައް ނިންމައި، އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން ކަމަށް ވިދާޅުވިއެވެ.

" ދެން މިއޮތީ މި މަޝްރޫއުގެ ޑީޓެއިލް ޑިޒައިން ފައިނަލް ކުރުމުގެ މަސައްކަތް. އަމަލީ މަސައްކަތް ފެށުމަށް. އެގޮތުން ކުރެފައިވާ މަސައްކަތަކީ ރަނގަޅު މަސައްކަތެއް. އެހެންނަމަވެސް ކުރަން ހުރި މަސައްކަތަކީ ޗެލެންޖިން މަސައްކަތެއް. " ޗައިނާ ސަފީރު ވިދާޅުވިއެވެ.

ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރިން ނިންމާފައި އޮތްނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ، މިމަޝްރޫޢަށް ޗައިނާ ސަރުކާރުގެ ފަރާތުން ހިލޭ އެހީ ހަމަޖެހިފައެވެ.