ޚަބަރު

ވިލާތުގައި ހޫނުގަދަވުމުގެ ސަބަބުން 1،300 މަރު


ވިލާތުގައި އާންމުކޮށް މީހުން މަރުވާ ޢަދަދަށް ވުރެ ގިނައިން މި ދުވަސްވަރު މީހުން މަރުވުމާއި ވިލާތުގައި އާދަޔާ ޚިލާފަށް ހޫނުގަދަވެފައި ވުމާ ގުޅިފައިވުން އެކަށީގެންވާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވިލާތުގެ އެކި ސަރަޙައްދުތަކުގައި ރެކޯޑު މިންވަރަކަށް ވަނީ ހޫނުގަދަވެފައެވެ. އެ ގޮތުން ޖަރުމަނުވިލާތާއި ޕޮލެންޑާއި ޗެކް ރިޕަބްލިކްގައި ވެސް ވަނީ ރެކޯޑު މިންވަރަކަށް ހޫނު ގަދަވެފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑަބްލިޔުއެޗްއޯގެ އިސްވެރިޔާ، ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް ވިދާޅުވީ 21 ޖޫންއިން ފެށިގެން މިހާތަނަށް 1،300 އިތުރު މަރު ވިލާތުގައި ރެކޯޑު ކުރެވިފައިވާ ކަމަށާއި، އެ މަރުތަކަކީ ވިލާތުގެ ޤައުމުތަކުން ތަޖުރިބާ ކުރަމުންދާ ގަދަ ހޫނާ ގުޅުންހުރި މަރުތަކެއް ކަމަަށެވެ. ވިލާތުގެ ގޭގެއާއި އޮފީސްތަކާއި މަދަރުސާތަކަކީ އެހާ ހޫނުގަދަ މާހައުލަކަށް އެކަށީގެންވާ އިމާރާތްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޫން މަހުގެ 28ވަނަ ދުވަހު ފަރަންސޭސިވިލާތުގެ ޞިއްޙީ ވުޒާރާއިން ވަނީ އެ ޤައުމުގައި މަރުވާނެ ކަމަށް އަންދާޒާކޮށްފައިވާ މީހުންގެ ޢަދަދަށްވުރެ 1،000އެއްހާ މީހުން ޖޫން މަހުގެ 24ވަނަ ދުވަހުން ފެށިގެން އިތުރަށް މަރުވެފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުން ކަމަށާއި، ގޭގޭގައި މަރުވާ މީހުންގެ ޢަދަދު ވެސް 40 އިންސައްތައިން އިތުރުވެފައިވާ ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ޓެޑްރޮސް ވިދާޅުވީ ވިލާތަަކީ ދުނިޔޭގެ ސަރަޙައްދުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ހޫނުވަމުންދާ ބައްރު ކަމަށާއި، ދުނިޔޭގެ އެވަރެޖަށްވުރެ ދެ ގުނަ ހަލުވިކޮށް އެ ބައްރު ހޫނުވަމުންދާ ކަމަށެވެ. ވިލާތުގައި ދިރިއުޅޭ އެތައް މިލިއަން މީހުންނެއް ދިރިއުޅެމުން ދަނީ ގަދަ ހޫނުގައި ކަމަށާއި، އެތައް ސަތޭކަ ބަޔަކު މަރުވެ، މަދަރުސާތައް ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހާ ހަލުވިކަމާއެކު ހޫނުމިން އިތުރުވަމުން ދަނީ މޫސުމީ ބަދަލުތަކާއި ދުނިޔެ ހޫނުވުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ޙާލަތުގައި ޢާންމުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް ފިޔަވަޅުތަކެއް ކަނޑައަޅައި އެ ކަންކަން ތަންފީޛު ކުރުމަށް އޭނާ ގޮވައިލެއްވިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖަރުމަނުވިލާތުގައި ވެސް އެ ޤައުމުން މިހާތަނަށް ތަޖުރިބާކުރި އެންމެ ހޫނު ދުވަސް ވަނީ ރެކޯޑުކުރެވިފައެވެ. އެއީ 41.7 ޑިގްރީ ސެލްސިއަސްގެ ހޫނުމިނެކެވެ. އޭގެ ކުރިން އައި ދެ ދުވަހު ވެސް ރެކޯޑު ޢަދަދަކަށް ހޫނު ގަދަވަމުން ދިޔަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޗެކް ރިޕަބްލިކްއިން ވެސް ވިދިވިދިގެން ދެ ދުވަހު ރެކޯޑު ހޫނުމިނެއް ތަޖުރިބާކޮށްފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގެ ހޫނުމިން 41.1 ޑިގްރީ ސެލްސިއަސްއަށް އަރާފައިވެއެވެ.