ޚަބަރު

ދިސް އިޒް މައި މޯލްޑިވްސް: ފޮޓޯނަގައިގެން ބައިލައްކަ ރުފިޔާ ހޯދުމުގެ ފުރުޞަތު


  • ފޮޓޯ ހުށައެޅޭނީ 1 ޖުލައިން 30 ސެޕްޓެމްބަރަށް

  • ފޮޓޯތަކަކީ ރާއްޖޭގައި ނަގާފައިވާ އަމިއްލަ އުފެއްދުންތަކަށް ވާންޖެހޭނެ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން "ދިސް އިޒް މައި މޯލްޑިވްސް"ގެ ނަމުގައި ބައިނަލްއަޤުވާމީ ފޮޓޯގްރަފީ މުބާރާތެއް ހުޅުވާލައިފިއެވެ. މި މުބާރާތަކީ، ކޮންޓެންޓް ކްރިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންގެ ނަޒަރުން ރާއްޖޭގެ ރީތިކަން ދުނިޔެއަށް ހާމަކޮށްދިނުމަށް ހުޅުވާލި ފުރުޞަތެކެވެ.

މި މުބާރާތް އިއުލާންކޮށްފައިވަނީ، "ކްރިއެޓޯލް" ޕްލެޓްފޯމް އިފްތިތާޙު ކުރުމަށް ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތުގައެވެ.

"ދިސް އިޒް މައި މޯލްޑިވްސް" މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހެނީ ރާއްޖޭގެ ރަށްތަކާއި، މީހުންނާއި، ސަޤާފަތާއި، ތިމާވެށި އަދި ތަފާތު ތަޖުރިބާތައް ރަމްޒުކޮށްދޭ އަމިއްލަ ފޮޓޯތަކެވެ. މި މުބާރާތަކީ ހުރިހާ ފަންތިއެއްގެ ފޮޓޯގްރާފަރުންނަށްވެސް ބައިވެރިވެވޭ ގޮތަށް ރާއްޖޭގެ ރީތިކަމާއި، ސަޤާފީ މުއްސަނދިކަން އަދި ދިވެހިންގެ އާންމު ދިރިއުޅުން ފޮޓޯގެ ޒަރީއާއިން ދައްކާލުމަށް ހުޅުވާލި ފުރުޞަތެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި މުބާރާތް ކުރިއަށްދާނީ، 1 ޖުލައިން 30 ސެޕްޓެމްބަރގެ ނިޔަލަށެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މުބާރާތަށް ހުށަހަޅާ ފޮޓޯތަކަކީ، ރާއްޖޭގައި ނަގާފައިވާ އަމިއްލަ އުފެއްދުންތަކަށް ވާންޖެހޭނެއެވެ. ފޮޓޯގެ ކޮޕީރައިޓް ފޮޓޯގްރަފަރަށް އޮތް ނަމަވެސް، މުބާރާތަށް ހުށަހަޅާ ފޮޓޯތައް ރާއްޖެ އިޝްތިހާރު ކުރުމަށާއި، ރަސްމީ އެކި ބޭނުންތަކުގައި ބޭނުންކުރުމުގެ ހުއްދަ ވީއެމްސީއަށް ލިބިގެންދާނެއެވެ.

މި މުބާރާތަކީ ކްރިއޭޓޯލް އިފްތިތާޙްކޮށް، މި ދާއިރާގެ ފަންނުވެރިންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުރިއަށް ގެންދާ މަސައްކަތުގެ ބައެކެވެ. ވީއެމްސީއިން ތަރައްޤީކުރި "ކްރިއޭޓޯލް"އަކީ، ރާއްޖޭގެ ވިޝުއަލް އަދި ސަޤާފީ އުފެއްދުންތަކަށް ޚާއްޞަ ޤައުމީ ޑިޖިޓަލް މާކެޓް ޕްލޭސްއެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އުފެއްދުންތެރިންނާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި، މީޑިއާ އިދާރާތަކާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ބޭރުގެ މިޝަންތަކާ ގުޅުވައިދޭނެ ކަމަށް ވީއެމްސީން ބުނެއެވެ.