މިމަހުން ފެށިގެން، ޝަންގްރިއްލާ އާއި ހަންކެޑެ މަޝްރޫޢުއަށް ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ ކަމުގެ އުއްމީދު ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާނު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ހަންކެޑެ މަޝްރޫޢުއަކީ މުޅި ދެކުނުގެ ފަތުރުވެރިކަމާއި ގުޅިފައިވާ މުހިންމު މަޝްރޫޢުއެއްކަމަށެވެ. ތަފާތު ވިސްނުމެއްގައި ހަންކެޑެ މަޝްރޫއު ފަށަައިގަތުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނެ ތަފްސީލީ ޕްލޭނެއް، ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކައިރި މުސްތަޤްބަލެއްގައި އެތަނުގެ އަަމަލީ މަސައްކަތް ފެށޭނެކަމަށް ވިދާޅުވިއެވެ.
"ހަންކެޑެ ޕްރޮޖެކްޓް ފެށުމަށްޓަކައި މިހާރު އަޅުގަނޑުމެން ވަރަށް ބޮޑެތި މަސައްކަތްތަކެއް އެހެން ގޮތަކަށް އެބަކުރަން. އިރާދަކުރެއްވިއްޔާ މާގިނަ ދުވަސްތަކެއްނުވެ، ވަރަށް ޑީޓެއިލް ޕްރޮޖެކްޓެއް އިއުލާނުކުރެވިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ޖުލައި މަހު ޝަންގްރިއްލާގެ ހިންގުމުގެ ޤާބިލްކަން ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ވަޒީރު އަމީންވަނީ ވިދާޅުވެފައެވެ. އެކަމަށްޓަކައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއާ ޝަންގްރިލާގެ އޮޕަރޭޓަރުންނާއެކު ކުރި މަޝްވަރާތަކުގެ ނަތީޖާ ރަނގަޅުކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާރުވެސް ޝަންގްރިއްލާ ހިނގާ. އެކަމަކު ޖުލައި މަހު ކެޕޭސިޓީވަރަށް ބޮޑުތަނުން އިތުރުވާނެ." ވަޒީރު އަމީން ވިދާޅުވިއެވެ.
ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާއި އެއްގޮތަށް ޝަންގްރިލާ ރިސޯޓު ފަތުރުވެރިންނަށް އަލުން ހުޅުވަލީ ޑިސެންބަރު، 30 2025ގައެވެ.
"ޝަންގްރިލާ މިހާރު ވަރަށް ކުޑަ ގޮތަކަށް އޮޕަރޭޓުކުރެވެމުންދޭ. އެކަމަކު ޝަންގްރިލާގެ މިހާރު އޮޕަރޭޝަންސް ކެޕޭސިޓީ ޖުލައި މަހުގެ މެދުތެރެއަށް ދާއިރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ." ވަޒީރު އަމީނު ވިދާޅުވިއެވެ.
އައްޑޫ ހިމެނޭހެން ދެކުނުގެ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތައް ހޯދައި ތަފާތު އައު މަޝްރޫއުތައް އައްޑޫގައި ހިންގުމުގެ މަސައްކަތް ސަރުކާރުން ދަނީ ތަރުތީބުކުރަމުންނެވެ.