ޚަބަރު

"ކަރެކްޝަންސްގެ އައު ހެޑް އޮފީހާއެކު މިލިޔަނެއްހާ ރުފިޔާ މަހަކު ސަލާމަތްކުރެވޭ"


  • ކުރިން ކުށްޔަށް މަހަކު 550,000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރޭ

  • މިހާރު މިލިޔަނެއްހާ ރުފިޔާ ސަލާމަތްކުރެވޭ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައު ހެޑްކުއަރޓަރސް ބޭނުންކުރަން ފެށުމާއެކު، އޮފީސް ހިންގުމަށް ކުލީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކުރަމުންދިޔަ ބޮޑު ހޭދައެއް ސަލާމަތްކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ، ޖަލު އޮފިސަރުންނާއި ގައިދީންގެ ބައިވެރިވުމާއެކު އިމާރާތްކުރި އައްސޭރި ޖަލުގެ އައު އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައު ހެޑްކުއަރޓަރސް ރަސްމީކޮށް ހުޅުއްވައިދެއްވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 10ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ފާހަގަކުރެއްވި ގޮތުގައި، 54 އަހަރުގެ ދިގު ތާރީޚެއް އޮތް ކަރެކްޝަނަލް ސަރވިސްއަށް އަބަދުވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބާވެފައިވާ ތަންތަން މަރާމާތުކޮށްގެން އޮފީސް ހިންގަންޖެހުމެވެ. އަދި ޤައުމީ ސަލާމަތާ ގުޅުންހުރި މިފަދަ މުހިންމު މުއައްސަސާއަކަށް ދޭންޖެހޭ ސަމާލުކަން މީގެ ކުރިން އެންމެ އެދެވޭ ގޮތެއްގައި ދެވިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކުރީގެ ޙާލަތާ އަޅާބަލާއިރު މިހާރު ޖަލުތަކުގައި ބަންދުކުރެވޭ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވެ، ހާހުން ގުނާލެވޭ މިންވަރަށް މަތިވެފައިވާ ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.

ޖާގައިގެ ދަތިކަމުގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވާ އުނދަގޫތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ، މި މައްސަލަ ހައްލުކޮށް މުއައްސަސާގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރާއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، 2024ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އޮފީސް ހިންގުމަށް މަހަކު 550,000 އަށްވުރެ ގިނަ ރުފިޔާ ކުލީގެ ގޮތުގައި ދައްކަމުންދިޔަ ނަމަވެސް، މިހާރު އަމިއްލަ ހެޑްކުއަރޓަރަކަށް ބަދަލުވުމާ ގުޅިގެން ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 1 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

"2025 ވަނަ އަހަރުގެ އޮކްޓޫބަރ މަހާއި ހަމައަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން 55000އަށް ވުރެއް ބޮޑު އަދަދެއްގެ ކުލި ދައްކައިގެން އޮފީހެއްގައި ތިބެގެންއައީ. އެއީ ވާރެ ވެހިއްޖެއްޔާ އެއީ އެތެރެއަށް ވާރޭ ވެހޭތަނެއް. ފައިލްތަކާއެކު ތެމިފައިވަނީ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާއާއި އަޅުގަނޑުމެންގެ މުރާލި ވަޒީރުގެ ވިސްނުންފުޅާއެކު އަދި އަޅުގަނޑުމެންގެ އެގްޒެކެޓިވް އޮފިސަރުންނާއެކު ކުރެވުނު މަސައްކަތުން ދިވެހި ދައުލަތުގެ ބަޖެޓުން ހަމަ ޔަގީނުންވެސް ކޮންމެ މަހަކު ރެންޓުގެ ތެރެއިން 1 މިލިޔަން ރުފިޔާ ސޭވް ކުރެވިގެންދާނެ. މިއަދު ކަރެކްޝަން ސާރވިސްއަކީ އަމިއްލަ ހެޑްކުއަރޓާއެއް ހުރި އަމިއްލަ ވަންތަ ބައެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ބައެއް." ޒަރީރު ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައު ހެޑްކުއަރޓަރސް އިމާރާތަކީ 2 ފަންގިފިލާގެ އިމާރާތެކެވެ. ކަރެންޝަންސްގެ އައު ހެޑް އޮފީސް ޤާއިމުކޮށްފައިވަނީ ގާތްގަނޑަކަށް 12000 އަކަފޫޓުގެ ޖާގައެއްގައެވެ. މި އިމާރާތުގައި ހެޑްކުރޓަރސްގެ 15 ސެކްޝަން އަދި ޑިވިޜަން / ކޮމާންޑް ހިމެނޭހެން 175 އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް މީގެ ކުރިން ހިންގަމުން ގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގައެވެ. އެހެންނަމަވެސް ހެޑްކުއަރޓަރސް އަމިއްލަ ބިމެއްގައި ހުޅުވިގެން ދިއުމަކީ އެ ސަރވިސްގެ ޚިދުމަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ކަރެންޝަންސްއިން ފާހަގަކުރައްވައެވެ.