ޚަބަރު

މެލޭޝިޔާގައި ގަނާކުރުން އިތުރުވާތީ މަދަރުސާތައް ބެލެހެއްޓުން ކުރީގެ އޮފިސަރުންނަށް


މެލޭޝިޔާގެ ބޯޑިންގ ސްކޫލްތަކުގައި ގަނާކުރުން ހުއްޓުވުއި ދަރިވަރުންގެ އަޚުލާޤީ ކަންކަން ބަލަހައްޓާ ވޯޑެނުންގެ ގޮތުގައި އެ ޤައުމުގެ އަސްކަރިއްޔާގައި ޚިދުމަތްކޮށް ރިޓަޔަރކޮށްފައިވާ ސިފައިން އެ މަދަރުސާތަކަށް ފޮނުވުމަށް ނިންމައިފިއެވެ.

މެލޭޝިޔާގެ ބޯޑިންގ ސްކޫލްތަކަށް ވޯޑެނުންގެ ގޮތުގައި އަސްކަރިއްޔާއަށް ޚިދުމަތްކޮށްފައިވާ ސިފައިން ފޮނުވުމަށް ނިންމާފައި މި ވަނީ ފަހުގެ ދުވަސްތަކުގައި ގަނާ ކުރުމުގެ ގިނަ މައްސަލަތަކެއް މިފަދަ މަދަރުސާތަކުގައި ފެންމަތިވެފައިވަނިކޮށެވެ. މި މަހުގެ ފަހުކޮޅު އެކަނި ވެސް ޖޯހޯރުގައި ހުންނަ މަދަރުސާއެއްގައި ގަނާކުރުމުގެ މައްސަލައެއްގައި ހަ ދަރިވަރުން ހައްޔަރުކޮށްފައިވެއެވެ. އެ ދަރިވަރުން އެ މަދަރުސާއިން ވަކިކުރުމަށް މިހާރު ވަނީ ނިންމާފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް މި ފަދަ ހާދިޘާތަކެއް މެލޭޝިޔާގެ މަދަރުސާތަކުގައި ހިނގާފައިވެއެވެ.

މެލޭޝިޔާގެ ހަތިޔާރުއެޅި ފައުޖުގައި ޚިދުމަތްކޮށްފައިވާ 16 ސިފައިން އެ ޤައުމުގެ ސަރުކާރުން ހިންގާ 8 މަާރާ ޖޫނިޔަރ ސައިންސު ކޮލެޖު (އެމްއާރްއެސްއެމް)އަށް ފޮނުވުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. އެ ކޮލެޖުތަކަކީ ސައިންސާއި ޓެކްނޮލޮޖީއާއި އިންޖިނީރިންގގެ އިތުރުން ހިސާބު ދަސްކޮށްދޭ ސްޓެމް މަދަރުސާތަކެކެވެ. އެ މަދަރުސާތަކުގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުން ދިރާސީ އަހަރުގެ ތެރޭގައި ދިރިއުޅެނީ މަދަރުސާގައެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފޭސް ނިމުމުން އެމްއާރްއެސްއެމްތަކަށް 4 ވޯޑެނުން ފޮނުވާނެއެވެ. އޭގެ ތެރޭގައި ދެ އަންހެން ވޯޑެނުންނާއި 2 ފިރިހެން ވޯޑެނުން ހިމެނޭނެއެވެ. އެހެންކަމުން މި 8 އެމްއާރްއެސްއެމްތަކަށް ދެވެނަ ފޭސްގެ ދަށުން ޖުމްލަ 32 ވޯޑެނުން ފޮނުވާނެއެވެ.

2027ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ތިންވަނަ ފޭސްގެ ދަށުން މެލޭޝިޔާގައި ހިންގާ ހުރިހާ އެމްއާރްއެސްއެމްތަކަށް ވޯޑެނުން ފޮނުވާނެއެވެ. މެލޭޝިޔާގައި ޖުމްލަ 58 އެމްއާރްއެސްއެމް ހިންގައެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ވެސް މެލޭޝިޔާގެ ޕެނާންގްގެ އެމްއާރްއެސްއެމްއެއްގައި ދަރިވަރުންތަކެއް އެހެން ދަރިވަރަކަށް ޖިސްމާނީ އަނިޔާތަކެއް ދިން މައްސަލައެއް ފެންމަތިވެފައިވެއެވެ. 2024ވަނަ އަހަރުގެ ތެރޭގައި ހިނގި މި ހާދިޘާ ޢާންމުންގެ ސަމާލުކަމަށް އައީ ދަރިވަރަށް އަނިޔާދޭ ވީޑިއޯއެއް މިދިޔަ އަހަރުގެ ތެރޭގައި މީސްމީޑިޔާގައި ޢާންމުވުމާ ގުޅިގެންނެވެ.

2025ވަނަ އަހަރުގެ ތެރޭގައި އދގެ ކުޑަކުދިންގެ ފަންޑު، ޔުނިސެފުން ވެސް ވަނީ މެލޭޝިޔާގައި ގަނާކުރުން އާންމުވެފައިވާތީ އެ ކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.