އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ޖާގައެއް ހޯދުމަށް ކުޅުނު ކޮލިފައިން މެޗުތައް ނިމުމާއެކު، ކްލަބް ގްރީން ސްޓްރީޓްސްގެ ހެޑް ކޯޗުކަމުން އަލީ ނިސްތާރު މުޙައްމަދު ވަކިވެއްޖެއެވެ.
ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމުގައި ވެސް ބިނާކުރަނިވި މަސައްކަތްތަކެއް ކުރި ނިސްތާރުގެ އިރުޝާދުގެ ދަށުން ކުޅެމުން އައި ގްރީން އިން މިދިޔަ ސީޒަން ނިންމާލީ ތާވަލުގެ އަށްވަނައިގައި އޮވެގެންނެވެ. މިއާއެކު ގްރީން އަށް ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހުނުއިރު، ވާދަކުރި ހަ ޓީމުގެ ތެރެއިން ޕްލޭއޮފްގައި ގްރީން އަށް ލިބުނީ ފަސްވަނައެވެ.
ޕްލޭއޮފްގައި ކުޅުނު ފަސް މެޗުން ގްރީންއަށް ލިބުނީ އެންމެ ދެ ޕޮއިންޓެވެ.
މިދިޔަ ސީޒަން ނިމުމުންވެސް ނިސްތާރު ކޯޗުކަން ދޫކޮށްލިއިރު، އެފަހަރު ނިސްތާރު ބުނީ، އެއް ކުލަބެއްގައި އެހާ ގިނަ ދުވަހު ކޯޗެއްގެ ގޮތުގައި ހުރުން އެއީ ރާއްޖޭގައި އެހާ އާންމުކަމެއްކަމަށް ނުވާއިރު، ގްރީންއާއެކު ދިގު މުއްދަތެއް ހޭދަކޮށް، ކުރެވުނު ދަތުރަށް ޝުކުރުވެރިވާކަމަށެވެ.
ނިސްތާރު ވަނީ، އޭނާގެ ކޯޗު ކަމުގެ ދަށުގައި ގްރީން އިން ދިވެހި ލީގުގެ ތިންވަނައާއި ހަތަރުވަނަ ހޯދިކަން އަދި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ތިންވަނަ ވެސް ހޯދިކަން ފާހަގަކޮށްފައެވެ. ރާއްޖޭގެ ފުޓުބޯޅައިގެ ވަރުގަދަ ބާރުތައް ކުރިމަތީގައި ގްރީންއިން ފަސްނުޖެހި އަބަދުވެސް ކުރިމަތިލިކަމަށާއި ގްރީންއާމެދު ދެކެވެނީ އާއިލާއެއްގެ ގޮތުގައިކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ކަން މިހެން އޮތްނަމަވެސް މިއަދު ގްރީންއާ ދުރަށް ޖެހިލާއިރު މިއީ އޭނާއަށް ނުހަނު ހިތާމަ ގެނުވާ ކަމެއްކަމަށާއި، ގްރީން ސްޓްރީޓްސްގައި އެންމެން ވެގެން ބިނާކުރެވުނު ކަންކަމާ މެދު ފަހުރުވެރިވެ، އެ ހަނދާން އަބަދުވެސް އައުކުރާނެކަމަށާއި، އަބަދުވެސް އެދެނީ "ގްރީން ޑްރެގަންސް" އަށް ކާމިޔާބީ ލިބުންކަމަށް ނިސްތާރުގެ ޕޯސްޓު ނިންމާލަމުން ބުނެފައިވެއެވެ.
އެހެންނަމަވެސް މި ނިންމުން ނިންމިތާ މާ ގިނަ ދުވަހެއް ނުވަނީސް ނިސްތާރު ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. ނިންމުން ބަދަލުކުރި ސަބަބާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާގަކަދައްކަމުން ނިސްތާރު ބުނީ، ކުލަބުގައި މަޑުކުރަން ނިންމީ ގްރީން ސްޓްރީޓްސްގެ ވައިސް ޗެއާޕާސަންގެ މުއާވިޔަތު ހަލީލް (މުއާބެ) އާއި ކްލަބްގެ މެނޭޖްމަންޓާ އެކު ދެކެވުނު ވާހަކަތަކަށްފަހުގައި ކަމަށެވެ.
ނިސްތާރު ބުނީ، އޭނާ ކޯޗަކަށް މަޑުކުރަން ގްރީން ސްޓްރީޓްސްގެ ކެޕްޓަން، ރިލްވާންވެސް އެދުނު ކަމަށެވެ. އަދި، ގްރީން ސްޓްރީޓްސްގެ މެނޭޖްމަންޓާއި ހާއްސަކޮށް މުއާވިޔަތުގެ އިތުރުން ކުޅުންތެރިންނާ ދެމެދު އޮންނަ ގާތްގުޅުމުގެ ސަބަބުން ކްލަބްގައި މަޑުކުރާ ގޮތަށް ނިންމުން ބަދަލުކުރުން މުހިންމުކަމަށް ފެނުނީކަން ނިސްތާރު ފާހަގަކުރިއެވެ.
އެފަހުން ކުޅުނު ޕްލޭއޮފް މެޗުތަކުގައި ވެސް ގްރީންއަށް އެންމެ އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާއިރު، ގްރީން ސްޓްރީޓްސްއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އެކުލަބުގެ ކޯޗެއްގެ ގޮތުގައި ދެން ނިސްތާރު ނުފެންނާނެކަން ހާމަކޮށްފައެވެ. އަދި ފާއިތުވީ ހަ އަހަރުގެ ތެރޭގައި ގްރީންއާއެކު ކުރި ދަތުރުގައި، ނިސްތާރުގެ ފަރާތުން ލިބުނު އެހީތެރިކަމަށް އެ ކުލަބުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ގްރީންގެ ކޯޗުކަމުން ނިސްތާރު ވަކިވެފައި މިވަނީ އެ މަގާމު ފުރާތާ ހަ އަހަރު ފަހުންނެވެ. އެ ޓީމުގެ ކޯޗުކަމާ ނިސްތާރު ހަވާލުވީ 2020 ވަނަ އަހަރުއެވެ. އެއީ ޓީމުގެ ކޯޗުކަމުން އަލީ ސުޒެއިން ވަކިވުމާ ގުޅިގެންނެވެ.