71 ރަށެއްގައި އައުޓްޑޯ ޖިމް ފެސިލިޓީ ގާއިމުކުރުމަށް ބޭނުންވާ ސާމާނު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ރަށްތަކަށް ފޮނުވަން ފަށައިފިއެވެ.
2026 ގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
މިކަން ކާމިޔާބުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
މި އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން އެޗްޑީސީއާ ހަވާލުކުރެވުނު 71 މަޝްރޫޢުއާއެކު ޖުމްލަ 102 އައުޓްޑޯ ޖިމް ގާއިމުކުރުމަށް ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލުކުރެވިފައި ވެއެވެ. މީގެ އިތުރުން ހަތް އައުޓްދޯ ޖިމެއްގެ މަސައްކަތް، ބައެއް އަމިއްލަ ކުންފުނިތަކާވެސް ހަވާލުކޮށްފައިވެއެވެ.
މި މަޝްރޫއަކީ އެޗްޑީސީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.