ފީފާ ވޯލްޑް ކަޕުގެ ރައުންޑް އޮފް 32ގައި ޕޯޗުގަލް އިން މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ތާރީޚީ ލަނޑު ޖެހުމުގެ ކުރިން، ދެ ފަހަރަށް ބިސްމި ކިޔުމުން އެކަން ގިނަބައެއްގެ ސަމާލުކަމަށް އައިސްފިއެވެ.
ގަދަ 32ގައި ޕޯޗުގަލް ކުޅެން ޖެހުނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަނަރަޕްކަން ހޯދައި، 2022 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދި ކްރިއޭޝިއާ އާއި ދެކޮޅަށެވެ. މި މެޗުން ޕޯޗުގަލް މޮޅުވީ 1-2ގެ ނަތީޖާއަކުންނެވެ.
ކްރޮއޭޝިއާއިން ފުރަތަމަ ލަނޑުޖަހައި ލީޑުނެގި މި މެޗުގައި ޕޯޗުގަލްއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އުމުރުން މިހާރު 41 އަހަރު ފުރިފައިވާ ރޮނާލްޑޯއެވެ. މިއީ އޭރިއާ ތެރެއިން ޕޯޗުގަލްގެ ރެނާޓޯ ވެއިގާއަށް، ނިކޮލާ ވްލަސިޗް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ލަނޑުޖެހުން މުހިންމު ދަނޑިވަޅެއްގައި، މޮޅުވާން މަޖުބޫރު މި މެޗުގެ ނަތީޖާ ހަމަހަމަކޮށްދޭން ރޮނާލްޑޯ ހުއްޓިގެން ހުރިއިރު، ޓީވީން މެޗު ބެލި ފަރާތްތަކުގެ ނަޒަރު ހުއްޓިފައި ހުރީ، އެވަގުތު ސްކްރީނުން ދައްކަމުންދިޔަ ރޮނާލްޑޯގެ މޫނަށެވެ. އެވަގުތު ގިނަބައެއްގެ ސަމާލުކަމަށް އައީ، ޕްރެޝަރު ބޮޑުވެފައިވާ އެ ދަނޑިވަޅުގައި، ރޮނާލްޑޯ ދެ ފަހަރަކަށް " بِسْمِ ٱللّٰهِ " އޭ ބުނުމުންނެވެ.
ސައުދީ އަރަބިއްޔާގެ އަލް ނަޞްރުގައި ކެރިއަރުގެ އެންމެ ފަހު ދުވަސްތައް ހޭދަކުރަމުންދާ ރޮނާލްޑޯ، މީގެކުރިން ވެސް ބައެއް ކާމިޔާބީތައް ނުވަތަ ފާހަގަކޮށްލެވޭ ބައެއް ކަންކަން ކުރުމުގެ ކުރިން ބިސްމި ކިޔައިގެން އެކަން ގިނަބައެއްގެ ސަމާލުކަމަށް އައިސްފައިވެއެވެ. އަދި ލިބޭ ބައެއް ކާމިޔާބީތަކަށްފަހު، ٱلْحَمْدُ لِلّٰهِ ކިޔައި، ރޮނާލްޑޯ މާތް ﷲ އަށް ޝުކުރުވެރިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ފީފާ ވޯލްޑް ކަޕުގެ ހަ މުބާރާތެއްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ރޮނާލްޑޯ، މިފަހަރުގެ ވޯލްޑް ކަޕަށްފަހު ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ބޭރުގެ ބޮޑެތި މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، މި ވޯލްޑް ކަޕުގައި ކުރިއަށްދިއުމަށް ޕޯޗުގަލްއަށް ދެން އޮތީ އުނދަގޫ މެޗެކެވެ.
މުބާރާތުގެ ރައުންޑް އޮފް 16ގައި ޕޯޗުގަލް ދެން ކުޅެންޖެހޭނީ ޔޫރަޕުގެ ޗެމްޕިއަން، ސްޕެއިނާ ދެކޮޅަށެވެ.