ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. (28 ޖޫން) އެގޮތުން ފުލުހުންގެ 93ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
- ފުލުހުންގެ މައި އިދާރާ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން
- ދިފާޢީ ޚިދުމަތްތައް ޤައުމީ ޚިދުމަތެއްގެ ގޮތުގައި ސަރުކާރުން ވަރުގަދަކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން
- ރިޓަޔަރކުރާ ފުލުހުންގެ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވުން
(29 ޖޫން) ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނޫސްވެރިންނާއި ބައްދަލުކުރައްވާފައިވަނީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ތަރައްޤީގެ ދާއިރާއިން ކުރއަށްގެންދާ މަޝްރޫޢުތަކުގެ އަދާހަމަ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.
- ޕޭޕަލްގެ ޚިދުމަތާ 3280 ފަރާތަކުން ގުޅިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން
- އަލިފުށީ ހޮސްޕިޓަލާއި، އެއާޕޯޓް މިދައުރުގެ ތެރޭގައި ހުޅުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން
- 2028ގައި ހައުސިންގެ ގިނަ މަޝްރޫއުތަކެއް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން
- އާރްޓީއެލް ޚިދުމަތަކީ ރައްޔިތުންނަށް ހިތްފަސޭހަ ޚިދުމަތަކަށް ހަދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން
- ގޯއްޗާއި ފްލެޓު ލިބޭ މީހުން މިއަހަރު އިޢުލާނު ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން
(2 ޖުލައި) ރާއްޖޭގައި ފުރަތަމަ ފަހަރަށް ގަރލް ގައިޑް ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޤައުމީ ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ތާރީޚީ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. މި ރަސްމިއްޔާތުގައި ވަނީ ގަރލް ގައިޑުންގެ ހުވާ އައުކޮށްފައެވެ. އަދި މިއަހަރުގެ ގައިޑަރސް ވޮރަންޓް ލިބިވަޑައިގެންނެވި 47 ލީޑަރަކަށް ބެޖާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގެ ތެރެއިން ކުއަރޓަރ މާސްޓަރ އަދި ފަސްޓް އެއިޑް ބެޖް ޙަވާލުކޮށްފައިވާއިރު، 14 ފަރާތަކަށް ސަރވިސް އެވޯޑުވެސް ވަނީ ޙަވާލުކޮށްދެއްވާފައެވެ. އަދި ގައިޑިން ހަރަކާތްތަކަށް އެކިއެކި ގޮތްގޮތުން އެހީތެރިވެދެއްވި 5 ފަރާތަކަށް "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ވެސް ވަނީ ޙަވާލުކޮށްފައެވެ.
(2 ޖުލައި) ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާޙު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި ބިލު މަޖިލީހުން ފާސްކުރީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. މި އިސްލާޙުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް)އިން ނަގާ ޑިއުޓީއަކީ، 4/- (ހަތަރެއް) ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ، %30 (ތިރީސް އިންސައްތަ) ކަމަށް ވަނީ ކަނޑައަޅާފައެވެ.
(1 ޖުލައި) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް މުޙައްމަދު ޝަކީލު މިއަދު ޢައްޔަނުކުރައްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އީސީގެ ރައީސްކަމަށް ޝަކީލް އައްޔަން ކުރަން ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އަންގާރަ ދުވަހުއެވެ. މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ މަޤާމަށް މުޙައްމަދު ޝަކީލް އައްޔަން ކުރެއްވީ، މި މަހުގެ 24ވަނަ ދުވަހުއެވެ.
(1 ޖުލައި) ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ކަމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަންކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ޙައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރު އަދި މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް ފިރުޒުލް އައްޔަންކުރައްވާފައިވާކަން ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ ހާމަކުރައްވާފައެވެ.
(28 ޖޫން) ހިމަބިހިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އާއްމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ހިމަބިހީގެ އައުޓްބްރޭކެއް ރާއްޖޭގައި ފާހަގަކުރެވިފައިވަނީ މިއަހަރުގެ މޭ މަހުން ފެށިގެންނެވެ.
(28 ޖޫން) ހުޅުމާލެ ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް ނަރސިންގެ ޚިދުމަތް ފަށާފައިވަނީވެސް އާދީއްތަ ދުވަހުއެވެ. މިއީ އާންމުކޮށް ބޭނުންވާ ނާރސިންގެ ފަރުވާތައް ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ތަޢާރަފުކުރެވުނު ޚިދުމަތެއް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ.
(1 ޖުލައި) ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކޯލް ސެންޓަރު، އެންސްޕާ އައްޑޫ އޮފީހުގައި ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ސިއްޙީ ވުޒާރާއިން ވިދާޅުވީ ކޯލް ސެންޓަރު އައްޑޫގައި ޤާއިމްކޮށް މިއަދުން ފެށިގެން އެންސްޕާގެ ކޯލް ސެންޓަރުގެ ޚިދުމަތުގެ ގަޑިތައް އިތުރުކޮށްފައިވާކަމަށެވެ. މިގޮތުން ރަސްމީ ދުވަސްތަކުގައި ރަސްމީ ގަޑިތަކުގައި ޚިދުމަތް ދެމުން އައިނަމަވެސް މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހަކުވެސް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވެއެވެ. އެދުވަސްތަކުގައި ހެނދުނު 8:00އިން ރޭގަނޑު 10:00އާ ހަމައަށް ޚިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
(1 ޖުލައި) އެސްޓީއޯއިން ހިންގަމުންއައި ބޭސްފިހާރަތައް "ސްޓޭޓްފާމާ" އަށް ރަސްމީކޮށް ބަދަލުކޮށް، ޚިދުމަތް ދޭން ފަށާފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. ސަރުކާރުން ވަނީ ރާއްޖެއަށް ބޭސް އެތެރެކުމުގެ މަސައްކަތް ކުރުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންއާ ހަވާލުކޮށްފައެވެ. އަދި މިޙާރު ވަނީ އެސްޓީއޯއިން ހިންގަމުން އައި 193 ފާމަސީއެއް ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށްފައެވެ.
(30 ޖޫން) ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން "އިންވެސްޓްމަންޓްސް"ގެ ނަމުގައި އައު ޚިދުމަތެއް ތަޢާރަފުކޮށް، އާންމުންނަށް އެ ބޭންކުގައި ޑޮލަރު އިންވެސްޓްކުރެވޭނެ ގޮތް ހަދާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެވަގުތަށް އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މަޢުލޫމާތު ލިބިގަތުމާއެކު، އިންވެސްޓްކުރުމުގެ މުޢާމަލާތް އޮންލައިންކޮށް ފަސޭހަކަމާއެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކްގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ ތެރެއިން ވަނީ ތަޢާރަފުކޮށްފައެވެ.
(30 ޖޫން) އިންޑިއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމުގެ ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުއެވެ. މި އެއްބަސްވުމުގެ ޓާމްސް އޮފް ރިފަރެންސްގައި މިދިޔަ މާރިޗު މަހު ވަނީ ސޮއިކޮށްފައެވެ.
(2 ޖުލައި) "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި އެކްސްޕޯއަކީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިންތިޒާމުކުރާ އެކްސްޕޯއެކެވެ. މިއީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި، އަލަށް ތައާރަފުކުރާ ޚިދުމަތްތަކާގުޅޭ މައުލޫމާތު ހޯދައި، މާލީ ގޮތުން ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ އަމަލީ އިރުޝާދު ހޯދުމަށް އަގުހުރި ފުރުޞަތެއްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
(26 ޖޫން) ފުވައްމުލައް ސިޓީގައި ސަރުކާރުން އިމާރާތްކުރި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރު ހުޅުވާފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. ފުވައްމުލަކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ. މި ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ފަރާތްތަކާއި ރަށުގެ ރައްޔިތުން ބައިވެރިވިއެވެ. މި އައުޓްރީޗް ސެންޓަރުގައި 5 ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.
(27 ޖޫން) މ. މުލަކުގައި ތަރައްޤީކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ހުޅުވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެތަން ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
(2 ޖުލައި) ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅޭ ފުލުހުންނަށް ކުރިއަށްގެންދާ އަސާސީ ތަމްރީން ކޯހުގެ 42ވަނަ ބެޗުގެ ކިޔެވުން ނިންމައި ޝަރަފުގެ ހިނގާލުން ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ބޭރުގެ ސަފީރުންނާއި، ފުލުހުންގެ މުއައްސަސާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
(30 ޖޫން) މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދެއްކީ ނިމުނު ހަފުތާގެތެރޭގައެވެ. މިއީ އޭގެ ކުރީގެ 5 އަހަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2019 އިން 2023 އަށް އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި އަޅާބަލާއިރު މިދިޔަ 2 އަހަރާއި ބައިގެ މުއްދަތުގައި އަތުލެވުނު މަސްތުވާތަކެތީގެ މިންވަރު ވަނީ އިތުރުވެފައެވެ.
(1 ޖުލައި) ވ.އާރަށުގެ މައްސަލާގައި ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އަލަށް ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ވ.އާރަށް ކުއްޔަށްދިނުމުގެ މުއާމަލާތުތައް ހިންގުމުގައި ޚިޔާނާތްތެރިވިކަމުގެ ތުހުމަތު ސާބިތުވެ، 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 25ވަނަ ދުވަހު، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލުހުކުމެއް ވަނީ އިއްވާފައެވެ. އެ ހުކުމް ބާތިލްކޮށް އަލުން މައްސަލަ ބެލުމަށް ހައިކޯޓުން ޙުކުމްކުރީ، 18 އެޕްރިލް 2024ގައެވެ. މި މައްސަލަ އަލުން ބަލާއިރު ދައުލަތުން ހުށަހަޅާފައިވާ އާ ހެކިތައް ބަލައި ނުގަތުމަށް ހައިކޯޓުން ނިންމާފައި ވާތީ ދައުލަތުން ވަނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.