ޚަބަރު

ފައިނޭންޝަލް އެކްސްޕޯ: މިރެއާއި މާދަމާރޭ ހުޅުމާލޭގައި ހަވާއަރުވަނީ


  • ހަވާ އަރުވާނީ ރޭގަނޑު 10:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި

  • މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވޭ

  • އެކްސްޕޯ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން މިރެއާއި މާދަމާ ރޭ ހަވާއަރުވާނެއެވެ. މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިންތިޒާމުކުރާ އެކްސްޕޯއެކެވެ.

އެމްއެމްއޭގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ބުރާސްފަތި ދުވަހު ފަށާފައިވާއިރު ހޮނިހިރު ދުވަހުގެ ނިޔަލަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ. އެމްއެމްއޭއިން ވިދާޅުވީ، އެކްސްޕޯ މިއަދު ކުރިއަށް ދާނީ ކުޑަކުދީންނަށް ޚާއްސަ ގިނަ ކަންތައްތަކެއް ހިމަނައިގެން ކުޑަކުދިންގެ ހަވީރަކާއެކުއެވެ. މިރެއާއި މާދަމާރޭ ހަވާ އަރުވާނީ ރޭގަނޑު 10:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ކުޑަކުދިންގެ ހަވީރުގައި ތަފާތު އެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޅިވަރުގެ އިތުރުން އެތައް އިނާމެއް ލިބިގެންދިއުމުގެ ފުރުސަތު އޮތް ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ. ކުޑަކުދިންގެ ހަވީރު ފަށާނީ މިއަދު ހަވީރު 4 އިން 6 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ކުރިއަށް ދާއިރު އެކްސްޕޯގެ މައި ހަރަކާތްތައް ވެސް ކުރިއަށް ދާނެއެވެ. މި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް 25000 ރުފިޔާގެ ފައިސާގެ އިނާމް ކޮންމެ ދުވަހަކު ލިބުމުގެ ފުރުސަތު އޮވެއެވެ. އަދި ކޮންމެ ދުވަހަކު 5 އައިޕެޑާއި އެ ނޫންވެސް އެތައް އިނާމެއް ހުށަހެޅިފައިވެއެވެ.

ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކާއި، އަލަށް ތައާރަފުކުރާ ޚިދުމަތްތަކާގުޅޭ މައުލޫމާތު ހޯދައި، މާލީ ގޮތުން ހަރުދަނާ ނިންމުންތައް ނިންމުމަށް ބޭނުންވާ އަމަލީ އިރުޝާދު ހޯދުމަށް މުހިންމު އެކްސްޕޯއަކަށް ވެގެންދާނެއެވެ.

މި އެކްސްޕޯ އޮންނާނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ. އެކްސްޕޯއަށް ވަނުމުގެ ފުރުސަތު އާންމުންނަށް ހިލޭ ވަނީ ހުޅުވާލާފައެވެ.

އެމްއެމްއޭއިން ވިދާޅުވީ މި އެކްސްޕޯގެ ތެރެއިން އާދައިގެ ސޭވިންގް އެކައުންޓެއް ހުޅުވުމުން ފެށިގެން، ލޯނަކަށް އެދުމާއި، އިންޝުއަރެންސް ނެގުމާއި އަދި މުސްތަގުބަލަށްޓަކައި މާލީ ކަންކަން ރޭވުން ފަދަ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ލިބޭނެ ކަމަށެވެ. އަދި އެމީހެއްގެ ބޭނުންތަކަށް އެންމެ އެކަށީގެންވަނީ ކޮން ޚިދުމަތެއްކަން ދެނެގަތުމަށްވެސް އެހީތެރިވެދޭނެއެވެ.