ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ޤާއިމްކުރިތާ 10 އަހަރު ފާހަގަކުރުން ފާހަގަކުރުމަށްޓަކާ ކުރިއަށް ގެންދިޔަ "ކެންޑޯ" ކޯސް ކާމިޔާބުކަމާއެކު ނިންމާލައި ކެންޑޯގެ ހެވިކަން ދައްކާލައިފިއެވެ.
ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ޤާއިމްކުރިތާ 10 އަހަރު ފުރުން ފާހަގަކުރުމަށް، މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި "ކެންޑޯ" ކޯހުގެ ބައިވެރިންގެ އިތުރުން، ކެންޑޯގެ ދުނިޔޭގެ ޗެމްޕިއަނުންގެ ތެރޭގައި ހިމެނޭ، އަރައި މިޒުކީގެ ހުނަރުވެރިކަން ވަނީދައްކާލާފައެވެ. އެ ހަރަކާތްތައް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން ޖަޕާންގެ ސަފީރު އިޝިގާމީ ރުމީކޯ ވަނީ ބައްލަވާލައްވާފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، އަރައި މިޒުކީ ވިދާޅުވީ ކެންޑޯ ކޯހުގައި ބައިވެރިވި ދަރިވަރުންގެ ހުނަރުވެރިކަން ފެނި ހައިރާންވިކަމަށެވެ. ކުރު މުއްދަތެއްގެ ތެރޭގައި ދަރިވަރުން އުނގެނިފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ފާހަގަކޮށް އޭނާ ވަނީ އެކަމަށް ތައުރީފްވެސްކޮށްފައެވެ. އޭނާ ވަނީ ކެންޑޯ ރާއްޖޭގައި ފުޅާވެގެންދިއުމަކީ އުއްމީދުކުރައްވާކަމެއް ކަމަށް ފާހަގަކުރައްވާފައެވެ.
ކެންޑޯ ކޯހުގެ ބައިވެރިއެއްކަމަށްވާ މުހައްމަދު ޒިދާން ބުނީ މި ޕްރޮގްރާމްގެ ބައިވެރިންގެތެރޭގައި ގިނައީ މީގެކުރިން މާޝަލް އާޓްސްގެ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވެފައިވާ ފަރާތްތައްކަމަށެވެ. އެހެންކަމުން މިއީ މާޝަލް އާޓްސްގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ލިބޭ ރަނގަޅު ފުރުސަތެއްކަމަށް އޭނާ ވަނީ ބުނެފައެވެ.
"ކެންޑޯ ރާއްޖެއަށް މުޅިންއާ. މީގަ މި ބޭނުންކުރަނީ ކަނޑި. ވުޑެން ކަނޑި. އެއީ އަޅުގަނޑަށް މި އެންމެ އިންޓްރެސްޓިންވި ސަބަބަކީ." ކެންޑޯ ކޯހުގެ ބައިވެރިއެއްކަމަށްވާ މުހައްމަދު ޒިދާން ބުންޏެވެ.
ޕްރޮގްރާމްގެ ބައިވެރިއެއް ކަމަށްވާ އަހުމަދު މުސްއަބު ހުސައިން ބުނީ މިއީ މާޝަލް އާޓްސްގެ ދާއިރާއިން އިތުރު ހަރުފަތަކަށް ދާން ލިބުނު ފުރުސަތެއް ކަމަށެވެ. އަދި މިޕްރޮގްރާމްގެ އިތުރު ދެ ބައިވެރިންކަމަށްވާ ހުސައިން ޒާހިރު އާއި އައްޝަމް ޢަބްދުﷲ ބުނީ މި ޕްރޮގްރާމް މެދުވެރިކޮށް ގިނަ ހުނަރުތަކެއް ދަސްވިކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކެންޑޯ ރާއްޖޭގައި އިތުރަށް ފުޅާވުމަށް އުއްމީދުކުރާކަމަށެވެ. އެ ދެ ބައިވެރިން ބުނީ ރާއްޖޭގައި ކެންޑޯއަށް ރަނގަޅު މުސްތަޤްބަލެއް ހޯދިދާނެކަމަށް ޤަބޫލުކުރާކަމަށެވެ.
އެކި އުމުރުފުރާތަކުގެ 13ވަރަކަށް ބައިވެރިންނާއެކު ކުރިއަށް ދިޔަ މި ޕްރޮގްރާމަކީ ގާތްގަނޑަކަށް 4 މަސްދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ކެންޑޯގެ މާނައަކީ "ކަނޑީގެ ގޮތް" ނުވަތަ ދަ ވޭ އޮފް ސްވޯޑްއެވެ. މިއީ ޖަޕާނުގެ މާޝަލް އާޓްސް އިން އުފެދިގެން އައި ސަޤާފީ ހުނަރެކެވެ. އަދި މިއީ މާރޝަލް އާޓްސް އަށް ލޯބިކުރާ މީހުންގެ މެދުގައި މަޤްބޫލު ހަރަކާތެކެވެ.