ޚަބަރު

ޔަހޫދީންގެ ޖަރީމާތަކާމެދު ހަނު ހުރުމުން ޕީޒިޝްކިޔާންގެ ނުރުހުން


މެދުއިރުމަތީގެ މުސްލިމް ޤައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު ފޭލުވެފައިވާ ކަމުގައި ވިދާޅުވެ، އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މުސްލިމުންގެ ނަސްލުހޭދުކުރުމަށް ޤަތުލުޢާންމު ހިންގައި، ޢުދުވާނީ ޙަމަލާތަކުގެ ވާހަކަ ޔަހޫދީން ފާޅުކަން ބޮޑުކޮށް ދައްކަމުންދާއިރު، ބައިނަލްއަޤުވާމީ މުޖުތަމަޢުން އެ ކަމާ މެދު ބަހެއް ނުބުނެ، ހަނު އޮތް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، އޭގެ ބަދަލުގައި، ބައެއް ޤައުމުތަކާއި ޖަމުޢިއްޔާތަކުން ޔަހޫދީންނަށް ސިޔާސީ ގޮތުންނާއި އެހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ ޤައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ އުފުލަންޖެހޭނީ ޔަހޫދީން ކަމުގައި ޕީޒިޝްކިޔާން ވިދާޅުވިއެވެ. އަދި، އީރާންގެ އައު އިސްވާރުން އެ ޤައުމުގެ އިންޤިލާބީ އުސޫލުތައް ދަމަހައްޓައި، ޤައުމުތަކުގެ މެދުގައި އިސްލާމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އީރާންގެ ކުރީގެ އިސް މުރުޝިދު އާޔަތުالله ޢަލީ ޚާމަނާޢީގެ ޖަނާޒާ ފެށިފައިވާ ދަނޑިވަޅެއްގައެވެ.

ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ފުރަތަމަ ދުވަހު ޝަހީދުކޮށްލާފައިވާ ޚާމަނާޢީގެ ޖަނާޒާގެ ކަންކަން ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ. އެމެރިކާގެ ޢުދުވާނީ ޙަމަލާތައް އެޕްރީލު މަހު މެދުކަނޑައިލުމަށްފަހު، ޖޫން މަހު އީރާނާއި އެމެރިކާއިން ވަނީ ހަނގުރާމަ މެދުކަނޑައިލުމުގެ އިބުތިދާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޚާމަނާޢީގެ ޖަނާޒާގެ މައި ރަސްމިއްޔާތު އޮންނާނީ ޖުލައި 6 ވަނަ ދުވަހު ވެރިރަށް ތެހްރާނުގައެވެ. އަދި، އެއަށްފަހު ޖުލައި 7 ވަނަ ދުވަހު ޤޫމްގައި ވެސް ރަސްމިއްޔާތެއް ބާއްވާނެއެވެ. ޖުލައި 8 ވަނަ ދުވަހު ޢިރާޤުގެ ވެރިރަށް ބަޣުދާދާުގެ އިތުރުން ނަޖަފު އަދި ކަރްބަލާގައި ވެސް ރަސްމިއްޔާތުތަކެއް ބާއްވާނެއެވެ. ޚާމަނާޢީގެ ހަށިކޮޅު ފަސްދާނުލުމަށް ހަމަޖެހިފައި ވަނީ ޖުލައި 9 ވަނަ ދުވަހު މަޝްހަދުގައި ހުންނަ އިމާމް ޢަލީ ރިޟާގެ މަޤުބަރާގައެވެ.