ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު 16 ޓީމުގެ ބުރުގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ އެއް ޤައުމު ކަމުގައިވާ ކެނެޑާއިން ވަރަށް ޕްރެޝަރު ކުރި ކަމަށާއި ނަމަވެސް މިމެޗުގައި މޮޅަށް ކުޅެފައިވަނީ މޮރޮކޯ ކަމަށް އެޓީމުގެ ކޯޗު މުހަންމަދު އުއަހްބީ ބުނެފިއެވެ.
ކެނެޑާ އާއި ބައްދަލުކޮށް 3 ލަނޑު ސުން ލަނޑުން މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން އުއަހްބީ ބުނީ މިމެޗު ކެނެޑާއިން ފަށާފައިވަނީ ވަރަށް ފޯރީގައި ކަމަށާއި އަދި އެޓީމުން މުޅި މެޗުގައިވެސް ކުޅެފައިވަނީ އެފޯރީގައި ކަމަށެެވެ. ނަމަވެސް މިމެޗު 3 ލަނޑު ސުން ލަނޑުން މޮރޮކޯ ކާމިޔާބު ކުރުމުން މިމެޗުގައި މޮޅަށް ކުޅުނީ ކެނެޑާ ކަމަށް ބުނުމުގެ ފުރުސަތު ނެތް ކަމަށް އުއަހްބީ ބުންޏެވެ.
އުއަހްބީ ބުނީ މެޗުގެ ކުރީކޮޅު މޮރޮކޯގެ ކީޕަރ ޔަސީން ބޯނޯ ނުރައްކާތެރި ދެ ހަމަލާއެއް ދިފާއު ކުރި ކަމަށާއި އޭގެ އިތުރުން ކެނެޑާއަށް މިމެޗުގައި މާނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވާ ކަމަށެވެ. އޭނާ ބުނިގޮތުގައި މިމެޗުގައި ތަފާތަކަށް ވެގެންދިޔައީ އޭނާ ގެނައި ބަދަލު ތަކެވެ. އަދި އެއާއެކު މިމެޗުގެ ކޮންޓްރޯލް މޮރޮކޯގެ ކުޅުންތެރިން ނެގި ކަމަށް މޯޗު ބުންޏެވެ.
މިމެޗުގައި މޮރޮކޯއިން ކާމިޔާބު ކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިން އަޒެދީން އޮނާހީ އާއި ގުޅޭގޮތުން އުއަހްބީ ބުނީ އޭނާ އަކީ މިހާރު ޓީމުގައި ތިބި ތަޖްރިބާކާރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާ ކަމަށެވެ. އަދި ޓީމުގެ ކުޅުމަށް ގެނައި ބަދަލުތަކާއި އެކު އޭނާ ކުޅޭ ތަންވެސް ދަނޑުމަތީގައި ބަދަލުވެފައިވާކަމަށް އުއަހްބީ ބުންޏެވެ.
އޭނާ ބުނީ އޮނާހީ މިހާރު އަދާކުރާ މަގާމަށް ހޭނެން ވަގުތު ކޮޅެއް ނެގި ކަމަށާއި ނަމަވެސް މިމުބާރާތުގެ ފުރަަތަމަ ދެމެޗަކަށްފަހު އޭނާގެ ބައިވެރިވުން އިތުރު ވެފައި ޓީމަށް މާފައިދާ ބޮޑު ކަމަށެވެ. އުއަހްބީ ބުނީ އޮނާހީ އަކީ އޭނާގެ ޓީމުގައި ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އަދި އޮނާހީގެ ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް އުއަހްބީ ބުންޏެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކެނެޑާގެ ކޯޗު ޖެސީ މާޝް ބުނީ ދުނިޔޭގައި 7 ވަނަ އަށް ރޭންްކް ކުރެވިފައިވާ ޓީމުގެ މައްޗަށް ކެނެޑާއިންވަނީ ފުރަތަމަ ހާފުގައި ކޮންޓްރޯލް ނަގައިފަކަމަށެވެ. އަދި މިއަދުގެ ކުރިން މިގޮތަށް ކެނެޑާ ކުޅެފާނެކަމަށް މީހަކު ބުނެފި ނަމަ އެމެޗު ކެނެޑާއިން ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ވާނެކަމަށް އޭނާ އެއްބަސް ވާނެކަމަށެވެ.
މާޝް ބުނީ މިމެޗުގެ ފުރަތަމަ ހާފުގެ އިތުރުން ދެވަނަ ހާފުގެ ފެށުންވެސް ރަނގަޅީ ކެނެޑާ ޓީމުގެ ކަމަށާއި ނަމަވެސް މޮރޮކޯއިން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި ހިސާބުން މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔައީ ކަމަށެވެ.
މާޝް ބުނިގޮތުގައި މިމެޗުން އަލްފަންސޯ ޑޭވިސް ނުފެނުނީ އޭނާ މުޅިން ފިޓް ނުވުމުން ކަމަށެވެ. މިގޮތުން އެންމެ ފަހުގެ ފަރިތަކުރުންތަކުގައި އަލްފަންސޯއަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ހުރިކަން ބުނުމުން ހެދި އެމްއާރުއައި އިން އެކަން ޔަގީންވެގެންދިޔަ ކަމަށާއި އެހެން ކަމުން ނިންމީ މެޗުގެ ކުރިން ބެލުމަށްފަހު ގޮތެއް ނިންމާ ގޮތަށެވެ. އަދި އެގޮތުން ބެލިބެލުމުން އޭނާއަށް އެއުނދަގޫތައް ކުރިމަތިވާތީ މެޗަށް ނާރުވަން ނިންމީކަމަށެވެ.