ޚަބަރު

ޕެރަގުއާއީއާ ދެކޮޅަށް ފަރަންސޭސި ޓީމުން ދެއްކި ކުޅުމަށް ތަޢުރީފް


  • ފަރަންސޭސީން މިމެޗު ކާމިޔާބު ކުރީ އެއް ލަނޑު ސުން ލަނޑުން

  • އަލްފާރޯ ބުނީ އޭނާ ބޭނުންވީ ޕެރަގުއާއީގެ ފުޓްބޯޅައަށް އިންގިލާބެއް ގެއްނަން ކަމަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު 16 ޓީމުގެ ބުރުގައި ފަރަންސޭސިވިލާތާއި ޕެރަގުއާއީ ބައްދަލުކުރި މެޗުގައި ފަރަންސޭސި ކުޅުންތެރިން ދެއްކި ކުޅުމަށް އެޓީމުގެ ކޯޗު ޑިޑިއަރ ޑޭޝޯމްޕް ތައުރީފް ކޮށްފިއެވެ.

ޕެރަގުއާއީ އާއި ބައްދަލުކޮށް އެއް ލަނޑު ސުން ލަނޑުން މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޑޭޝޯމްޕް ބުނީ މިމެޗުގައި އޭނާގެ ހުރިހާ ކުޅުންތެރިން ހާސް ނުވެ ހަމަޖެހިގެން ކުޅުނު ކުޅުމާއި މެދު އުފާކުރާ ކަމަށެވެ. އަދި މިމެޗުގައި ނަތީޖާ ކޮންމެ ކޮޅަކަށްވެސް ހިގައިދާ ކަހަލަ މެެޗެއް ކަމަށް ފަރަންސޭސި ކޯޗު ބުންޏެވެ.

ޑޭޝޯމްޕް ބުނީ މިމެޗުގައި ފެނިގެންދިޔަ ހިތްހަމަ ނުޖެހޭ ކުދި ކުދި ކަންތަންތަކާއި އޭނާގެ ކުޅުންތެރިން ރުޅިއެރުވުމަށް އިދިކޮޅު ކުޅުންތެރިން ކުރި މަސައްކަތާއި އަދި އެޓީމާއި ދެކޮޅަށް އޮފިޝަލުންގެ ފަރާތުން ނިމިގެންދިޔަ ކަންތައްތަކާއެކުވެސް ހަމަޖެހިގެން އެޓީމުން ކުޅުން އެއީ ވަރަށް ރަނގަޅަށް ކުރެވުނު ކަމެއް ކަމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕެރަގުއާއީގެ ކޯޗު ގުސްޓާވޯ އަލްފާރޯ ބުނީ ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ފަރަންސޭސި ޓީމާއި ދެކޮޅަށް މިމެޗުގައި ދެއްކުނު ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ދެރައީ މިމެޗު ކާމިޔާބު ނުކުރެވުމުން ކަމަށެވެ.

އަލްފާރޯ ބުނީ އޭނާ ބޭނުންވީ ޕެރަގުއާއީގެ ފުޓްބޯޅައަށް އިންގިލާބެއް ގެއްނަން ކަމަށާއި މިގޮތުން އެކަން ކުރެވި ވޯލްޑް ކަޕާއި ހަމައަށް އާދެވިއްޖެކަމަށެވެ. އަދި މިމުބާރާތުގައި އިތުރަށް ކުރިއަށްދާން ބޭނުންވި ނަމަވެސް ކާމިޔާބު ވާގޮތް ނުވީކަމަށް އޭނާ ބުންޏެވެ.

ޕެރަގުއާއީއިން މިހާތަނަށް މިކުރި ކަންތައްތައް ވޯލްޑް ކަޕާއި ހަމައަށް އައުމަށް ފުދޭ ކަމަށާއި ނަމަވެސް ވޯލްޑް ކަޕްގައި އިތުރަށް ކުރިއަށް ދިއުމަށް އިތުރު މަސައްކަތް ކުރަން ޖެހޭ ކަމަށް އަލްފާރޯ ފާހަގަ ކުރިއެވެ. އަދި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޓަކައި ކުރަން ޖެހޭ މަސައްކަތް އިތުރު ވާނެކަމަށްވެސް އޭނާ ބުންޏެވެ. މިގޮތުން އޭނާ ފެށި މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމުގައި އަލްފާރޯ ފާހަގަ ކުރިއެވެ.