ޚަބަރު

ބިންހެލުމާ ގުޅޭގޮތުން ފަތުރަނީ ދޮގު މެސެޖެއް: މެޓް އޮފީސް


  • ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް އަދި ހޯދިފައެއް ނުވޭ

  • ބިންހެލުމުގެ މަޢުލޫމާތު މެދުކެނޑުމެއްނެތި ދަނީ ބަލަމުން

ރާއްޖެއަށް ބިންހެލުމެއް އަންނާނެކަމަށް ބުނެ ފަތުރަމުންދާ އިންޒާރުގެ މެސެޖުތައް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދޮގުކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލައި ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައިނުވާކަމަށެވެ. އަދި ބިން ހެލުމެއް އަންނާނެ ސީދާ ވަގުތެއް، ތާރީޚެއް ނުވަތަ އަންނާނެ ސީދާ ތަނެއް ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތްތަކެއް ނެތްކަމަށެވެ. އެހެންކަމުން ފެތުރެމުންދާ މެސެޖުގެ އެއްވެސް ހަގީގަތެއް ނެތްކަން އެ އިދާރާއިން ފާހަގަކުރައްވައެވެ.

ދިގު މުއްދަތައް ބަލާއިރު ބިންހެލުންތައް އައުން ގާތް ސަރަޙައްދުތައް ސައިންސްވެރިންނަށް ކަނޑައެޅިދާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ މެސެޖުގައި ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ކައިރިއަށް 5.2 އަދި އެއަށްވުރެ ބާރުގަދަ ބިންހެލުމެއް އަންނާނެކަމުގެ އިންޒާރު ލިބިފައިވާ ކަމަށާއި، އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އެ އިދާރާއިން އަބަދުވެސް ބިންހެލުންތަކުގެ މައުލޫމާތުތައް މެދުނުކެނޑި ބަލަމުންދާކަން ހާމަކުރައްވާފައެވެ. އަދި ރާއްޖެއަށް އަސަރުކުރާ ފަދަ ކަމެއް ދިމާވެއްޖެނަމަ އެ މަޢުލޫމާތު ލަސްނުކޮށް އާއްމުންނަށް ހިއްސާކުރަމުންދާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.