ޚަބަރު

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ހަލީމް އާއި އަމީޒާގެ ނަން


  • ހަލީމް މިހާރު ހުންނެވީ ސީއޭ މޯލްޑިވްސްގެ ރައީސްގެ މަޤާމުގައި

  • އަމީޒާ ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ޓެކްސް ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ހަސަން ޒަރީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒަރީރު އެ މަޤާމުން އިސްތިއުފާ ދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަޤާމަށް އައްޔަން ކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ދެ ބޭފުޅެއްގެ ނަން ހުށަހަޅުއްވާ ކަމަށެވެ. އެގޮތުން، ހއ. ތަކަންދޫ، ސާދާގެ މުޙައްމަދު ހަލީމް ޢަބްދުﷲ އާއި ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާގެ ނަން އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.

ހަލީމަކީ ޔުނިވާސިޓީ އޮފް ލަންޑަން އިން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އެކައުންޓިން ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާހުރި ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްގެ ރައީސްގެ މަޤާމުގައެވެ.

އަމީޒާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިންގ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ.

ޓެކްސް ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކުރުމަށް އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. މި މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ކޮމިޓީން ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.