ޚަބަރު

އާޖެންޓީނާގެ މޮޅު ކުޅުން ފެނިގެންދަނީ ޕްރެޝަރުގައި ކުޅޭއިރު: ސްކަލޯނީ


  • އާޖެންޓީނާ މިމެޗު ކާމިޔާބު ކުރީ ފަހަތުން އަރާ 2 ލަނޑު އެއް ލަނޑުން

ފީފާ ވޯލްޑް ކަޕްގެ ފައިނަލުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޖާގަހޯދާފައިވާ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ މޮޅު ކުޅުން ފެނިގެންދަނީ އެޓީމު ޕްރެޝަރުގައި ކުޅޭއިރުކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އިންގްލަންޑް އާއި ބައްދަލުކޮށް ފަހަތުން އަރާ 2 ލަނޑު އެއް ލަނޑުން މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ސްކަލޯނީ ބުނީ މިކާމިޔާބީ ކިޔައިދޭން އުނދަގޫ ކަމަށެވެ. މިކާމިޔާބީއިން މިޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ހިތްވަރު އެލުވާނުލާ މަސައްކަތް ކުރުމުގެ ހޫރު ވަރަށް ބޮޑަށް ފެނިގެންދާކަމަށް ސްކަލޯނީ ބުންޏެވެ. އަދި އާޖެންޓީނާގެ މިޓީމު އެންމެ ރަނގަޅަށް ކުޅެނީ ޕްރެޝަރުގައި ކުޅެން ޖެހުމުންކަމަށެވެ. އޭނާ ބުނީ މިޓީމު ޕްރެޝަރުގައި ކުޅެން ޖެހި އިދިކޮޅު ޓީމު ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހިލާ ވަގުތަކީ މިޓީމުގެ ހަގީގީ ކުޅުން ފެނިގެންދާ ވަގުތު ކަމަށެެވެ. އަދި މެޗުން މޮޅުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް މިކުޅުންތެރިން ދަނޑުމަތީގައި ކުރާނެކަމާމެދު މިހާރު އެއްވެސް ސުވާލެއް ނެތް ކަމަށެވެ.

ސްކަލޯނީ ބުނީ އާޖެންޓީނާގެ ކުޅުންތެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާ އެކުޅުންތެރިންނަށް ބުރައަކަށް އެއްވެސް އިރެއްގައި ނުވާކަމަށާއި އެކަން މެޗުގެ ފަހު ވަގުތު ކެޕްޓަން ލިއޮނެލް މެސީ އާއި އެހެން ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ކަމަށެވެ. އަދި މިކުޅުންތެރިންގެ ފަރާތުން އެހާ ރަނގަޅު ކުޅުމެއް ފެނިގެންދިއުމުގެ އަސްލަކީ އެކުޅުންތެރިން ދަނޑު މައްޗަށް އެރުމާއެކު އިތުރު ކަމަކާމެދު ވިސްނުން ނުހުރުމުގެ އިތުރުން އެކުޅުންތެރިން ކުޅެނީ އުމުރުން ހަތެއް ނުވަތަ އަށް އަހަރުގެ ކުޑަކުދިން ކުޅޭ އުސޫލުން ކަމަށް އާޖެންޓީނާގެ ކޯޗު ސިފަ ކުރިއެވެ.

ސްކަލޯނީ ބުނީ މިމެޗާއި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލަންޑާއި އާޖެންޓީނާ ބައްދަލުކުރި މެޗާ އަޅާ ކިޔަން އޭނާއަށް އުނދަގޫ ކަމަށާއި އެންމެ ބޮޑު އެއް ސަބަބަކީ 86 ގެ މެޗު ކުޅުނު އިރު އޭނާ އަކީ ކުޑަކުއްޖެއް ކަމަށާއި އެހެންކަމުން އެކަމާއި ބުނާނެ މާބޮޑު އެއްޗެއް ނެތް ކަމަށެވެ. ނަމަވެސް ސްކަލޯނީ ބުނީ މިފަހަރުގެ މުބާރާތުގައި އާޖެންޓީނާއިން އެންމެ ރަނގަޅަށް ކުޅުނު މެޗެއްކަމަށް އޭނާ ގަބޫލް ކުރީ މިޞްރާއި ދެކޮޅަށް ކުޅުނު މެޗު ކަމަށާއި ނަމަވެސް އިންގްލަންޑާއި އެކު ކުޅުނު މެޗުގައި ފެނިގެންދިޔަ ކުޅުން މާބޮޑުތަނުންވެސް ރަނގަޅު ކަމަށެވެ. އަދި ޑިއޭގޯ މެރަޑޯނާ 86 ވަނަ އަހަރުގެ މެޗުގައި ކާމިޔާބު ކުރި ދެވަނަ ލަނޑު ވަރުގެ ލަނޑެއް މިހާތަނަށް އެއްވެސް ކުޅުންތެރިޔަކަށް ޖެހިފާ ވާކަމަށް ގަބޫލް ނުކުރާ ކަމަށާއި އަދި މެޗުގެ މުހިންމު ކަމުގެ ސަބަބުން އެމެޗުވަނީ ތާރީހްގެ ތެރެއިން ޖާގަ ހޯދައިފަކަމަށެވެ. އަދި އެމެޗާއި މިފަހަރުގެ މެޗާއި އަޅާ ނުކިއި ނަމަވެސް މިފަހަރުގެ މެޗުގައި ޓީމުގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމުގެ ސަބަބުން މިއީވެސް އެހާމެ މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ސްކަލޯނީ ސިފަކުރާކަމުގައި އޭނާ ބުންނެވެ.

އާޖެންޓީނާގެ ކޯޗު ބުނީ ފައިނަލްގައި ވާދަކުރާ ސްޕެއިން ޓީމަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި އެޓީމަށް ފައިނަލުން ޖާގަ ލިބުން ހައްގު ކަމަށެވެ. އޭނާ ބުނީ ސްޕެއިން އިން ސެމީ ފައިނަލްގައި ބަލިކުރި ފަރަންސޭސި ޓީމަކީ ބަލިކުރަން ފަސޭހަ ވާނެ ޓީމެއް ކަމަށް އޭނާ ގަބޫލް ނުކުރާ ކަމަށާއި ނަމަވެސް ސްޕެއިން އިން އެކަން ކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ. އަދި މިއަހަރުގެ ކުރީކޮޅު ފިނާލިސިމާގައި ސްޕެއިން އާއި ވާދަކުރަން ޖެހިދާނެކަމަށް އެޓީމުގެ ކުޅުން އެނަލައިޒް ކޮށްފައިވާކަމަށާއި އެއިރާއި މިހާރުގެ ޓީމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައިވާކަމަށާއި ނަމަވެސް އާޖެންޓީނާ އޮތީ ފައިނަލްގައި ސްޕެއިން އާއި ވާދަކުރަން ތައްޔާރަށް ކަމަށް އާޖެންޓީނާގެ ކޯޗު ފާހަގަ ކުރިއެވެ.