ޚަބަރު

ރާއްޖެ ސުޕަ ލީގު: ފޮނަދޫ އާއި ގޮއިދޫއަށް ދެވަނަ މޮޅު


  • ފޮނަދޫއިން ހަނިމާދޫ ބަލިކުރީ 1-3 ސެޓުން

  • ގޮއިދޫއިން ތުލުސްދޫ ބަލިކުރީ ސީދާ 3 ސެޓުން

މިހާރު ކުރިއަށްދާ ރާއްޖެ ސުޕަ ލީގު 2026 ގެ ފިރިހެން ޑިވިޝަނުގައި ލ. ފޮނަދޫ އާއި ބ. ގޮއިދޫ އިން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

މި ނަތީޖާތަކާއެކު ޕޫލް އޭގެ އެއްވަނައިގައި ފޮނަދޫ އޮތީ ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ވ. ފެލިދޫ އިން އޮތީ އެއް މެޗު މަދުން ކުޅެ، ލިބުނު ތިން ޕޮއިންޓާއެކުގައެވެ.

ޕޫލް ބީގެ އެއްވަނައިގައި ގޮއިދޫ އޮތީ ކުޅުނު ދެ މެޗުން ފަސް ޕޮއިންޓު ހޯދައިގެންނެވެ. މި ގްރޫޕްގެ ދެވަނައިގައި ތ. ހިރިލަންދޫ އޮތީ އެއް ޕޮއިންޓާއެކުގައެވެ. ގްރޫޕްގެ އެއްވަނަ ކަށަވަރު ކުރަން ހިރިލަންދޫ އަށް އޮތީ ސެޓެއް ނުގެއްލި ސީދާ ތިން ސެޓުން ތުލުސްދޫ ބަލިކޮށްގެންނެވެ.

އަންގާރަ ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ފޮނަދޫ އިން ނުކުތީ ހދ. ހަނިމާދޫއާ ދެކޮޅަށެވެ. މި މެޗު ފޮނަދޫ އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫއިން ވަނީ 25-22 އިން ސެޓު ގެންގޮސްފައެވެ. އެކަމަކު ޖެހިގެން އައި ދެވަނަ ސެޓުގައި ފޮނަދޫއިން ވަނީ ކުޅުން ރަނގަޅުކޮށް 23-25 އިން ސެޓު ކާމިޔާބުކޮށްފައެވެ. ޖެހިގެން އައި ތިންވަނަ ސެޓު އަދި ހަތަރުވަނަ ސެޓުގައި ހަނިމާދޫގެ ފަރާތުން ފެނިގެންދިޔަ ދަށް ކުޅުމުގެ ފައިދާ ނަގާ މި ދެ ސެޓު ފޮނަދޫއިން ގެންދިޔައީ 20-25 އަދި 25-16 އިންނެވެ.

އަންގާރަ ދުވަހުގެރޭ ގޮއިދޫން ކ. ތުލުސްދޫ ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައްދިޔައީ، 25-14، 28-30 އަދި 25-23 އިންނެވެ.

މި މުބާރާތުގައި ބުދަ ދުވަހުގެ ހަވީރު ވ. ފެލިދޫ ނުކުންނާނީ ކ. މާފުށްޓާ ދެކޮޅަށެވެ. އަދި ތ. ހިރިލަންދޫ ނުކުންނާނީ ކ. ތުލުސްދޫއާ ދެކޮޅަށެވެ.