ކުރީ ސަރުކާރުން ސިއްޙީ ދާއިރާގެ އެކި މަޝްރޫއުތައް ހިންގުމަށް ކުރި ހޭދައިން 60 މިލިޔަނަށްވުރެ ގިނަ ރުފިޔާ އިސްރާފުވެފައިވާ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވަނީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ސިއްޙީ ދާއިރާގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތު މެންބަރުންނާ ހިއްސާކުރައްވާފައެވެ.
ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ކުރީ ސަރުކާރުގައި ސިއްޙީ ދާއިރާގެ ގިނަ އަދަދެއްގެ މަޝްރޫއުތަކުގެ މަސައްކަތް ފަށައި އެ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ފައިސާވެސް ދޫކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ މަސައްކަތް ނުފެށި ލަސްވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށްގެންދެވޭނެ ގޮތްތައް ހޯއްދަވަމުންދާ ކަމަށެވެ. މަސައްކަތް ނުފެށި ހުރި 16 މަޝްރޫއެއްގެ ކޮންޓްރެކްޓް ބާތިލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫއުތަކުގެ އެޑްވާންސް ފައިސާގެ ގޮތުގައި 60 މިލިޔަނަށްވުރެ ގިނަ ފައިސާ ދޫކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސިއްޙީ ޚިދުމަތުގެ ގިނަ އަދަދެއްގެ ޕްރޮޖެކްޓުތަކެއް ވަނީ ބާތިލުކުރަންޖެހިފައި. 60 މިލިޔަނަށްވުރެ ގިނަ ފައިސާ އިސްރާފުވެފައިވަނީ މިގޮތަށް އެތައް ބަޔަކާ ހަވާލުކުރެވިފައި. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ޤާނޫނީގޮތުން އެ ފައިސާ ހޯދުމަށާއި އަދި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް،" ސިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.
ވަޒީރު ޤީލާ ވިދާޅުވީ އަދުގެ ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަނީ އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެހުމުން ކަމަށެވެ. އެގޮތުން، ރަށްރަށުގެ ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކާއި ލެބޯޓްރީ ޤައިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
ސިއްޙީ ދާއިރާއިން ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްގެންދިޔަ ނަމަވެސް ސަރުކާރުން މަސައްކަތް ކުރައްވަނީ އެ މަޝްރޫއުތައް ކުރިއަށްދާ މުއްދަތުގައިވެސް ސިއްޙީ ޚިދުމަތްތަކަށް ބުރޫ ނާރާނެހެން ނިޒާމުތަކާއި އިންސާނީ ވަސީލަތްތައް ޤާއިމުކޮށް، ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށްވެސް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.