ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ބ. އަތޮޅުގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ، ދޮންފަނާއި ތުޅާދޫއިން ހޯދައިފިއެވެ.
މި ދެ ޓީމަށް ސެމީގެ ޖާގަ ކަށަވަރުވީ ބ. އަތޮޅުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދޮންފަނުން ފެހެންދޫގެ މައްޗަށް ހޯދި ބޮޑު މޮޅާއެކުއެވެ.
އޭދަފުށި ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ފެހެންދޫގެ މައްޗަށް ދޮންފަނުން ކުރިހޯދީ 0-6 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔައީ ދެ ލަނޑެވެ. މި ދެ ލަނޑުވެސް ދޮންފަނަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މޮންތަޒެމީ މުޙްސިންއެވެ.
ދެވަނަ ހާފުގައި ދޮންފަނުން އިތުރު 4ލަނޑު ޖެހިއިރު މި ލަނޑުތައް ޖަހައިދިނީ އިބްރާހީމް ރާއި އާއި އަބްދުﷲ އަހުޒަމްގެ އިތުރުން އަޙްމްދު އިފްޙާމެވެ.
މީގެތެރެއިން ދެލަނޑު ޖަހައިދިނަި ރާއީ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޮންފަނުގެ މޮންތަޒެމީ މުޙްސިން އެވެ.
މި މޮޅާއެކު ދޮންފަނަށް ސެމީގެ ޖާގަ ކަށަވަރުވީ ދެ މެޗުން6 ޕޮއިންޓާއެކު، ތާވަލުގެ އެއްވަނައިގެ ގޮތުގައެވެ. ދެވަނައިގައި ތުޅާދޫ އޮތީ ދެ މެޗުން 3 ޕޮއިންޓު ހޯދައިގެންނެވެ.
ބ. އަތޮޅު ސެމީގެ މެޗުތައް ކުޅޭނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ސެމީގައި ފެނިގެންދާނީ އޭދަފުއްޓާއު ދޮންފަނުގެ ކުރިމަތިލުމެއްގެ އިތުރުން ގޮއިދޫއާއި ތުޅާދޫގެ ކުރިމަތިލުމެކެވެ.