އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ތަޖިކިސްތާނުގެ ރެގާރު ޓެޑަޒް އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިވީ، ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށް ތަޖުރިބާކާރު މިޑްފިލްޑަރު އިބްރާހީމް އައިސަމް (އައިކޮ) ބުނެފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ބުދަ ދުވަހު ހަވީރު ކުޅުނު މެޗުން މާޒިޔާ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއްލިބި ބޭކާރުވިއެވެ. އަދި މެޗުގެ ބޮޑުބައި ޑޮމިނޭޓްކޮށްގެން ކުޅުނީވެސް މާޒިޔާއެވެ. އެކަމަކު ދެވަނަ ހާފުގެ ކުރީކޮޅު ބައިކޮޅަށް ވަން ގޯލާއެކު ކުރިއަށް ޖެހިގެން މާޒިޔާއަށް ކުޅެން މަޖުބޫރުވީއެވެ. އެއާއެކު ރެގާރުން ވަނީ ކައުންޓާގައި އިތުރު ދެ ގޯލު ޖަހައިފައެވެ.
މި މެޗަށްފަހު ވާހަކަ ދައްކަމުން އައިސަމް ބުނީ މިއީ މާޒިޔާއަށް މޮޅުވެވޭނެ މެޗެއް ކަމަށެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ދެއްކި ކުޅުމާއެކު އުންމީދުވެސް ލިބުނުކަން އައިސަމް ފާހަގަކުރިއެވެ.
"އަސްލު ގަބޫލުކުރަން މި މެޗުން މޮޅުވެވޭނެކަން. ފުރަތަމަ ހާފު ދިޔަ ގޮތުންވެސް." އައިސަމް ބުންޏެވެ.
އައިސަމް ބުނީ މިވަރުގެ މެޗުތަކަށް އަންނައިރު، ތައްޔާރުވާން ވަގުތު ވެސް ނުލިބޭ ކަމަށެވެ. އަދި ރަނގަޅު މެޗުތަކެއް ނުލިބުންވެސް އެއީ މި ފެންވަރުގެ މެޗަކަށް ނުކުންނައިރު، ދިމާވާ ގޮންޖެހުމެއްކަން އައިސަމް ފާހަގަކުރިއެވެ.
"އަހަރެމެން އަށް އަސްލު ވަގުތު ނުލިބޭ. ވާހަކައަކީ މި ލެވަލްގެ މެޗެއް ކުޅެން. މިހާރު މިސާލަކަށް އަދި ކަޕް ވިނާސް ކަޕް ދެ މެޗު ދެން ޗެރިޓީ މެޗެއް ދޯ މި ކުޅުނީ. ދެން މިސާލަކަށް ލީގު މިހެން ކުރިއަށް ގޮސްގެން މިކަހަލަ މެޗެއް އަންނަނަމަ އަސްލު މިއަށްވުރެ ރަނގަޅުވާނެ." އައިސަމް ފާހަގަކުރިއެވެ.
މާޒިޔާއިން މި ފަހަރުގެ އޭއެފްސީގެ ގްރޫޕް ސްޓޭޖުގެ ޖާގައަށް ކުރި އުންމީދަށް ހުރަސްއެޅިފައިވާއިރު، އެ ޓީމުން މި ފަހަރުގެ ސީޒަނަށް ނުކުންނާނީ ޒުވާން ސްކޮޑަކާއެކުގައެވެ.