ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕް 2026 ގައި ލަޔަންސް ރެކްރިއޭޝަން ކްލަބާއި ކްލަބް އެޗްޑީސީން ކުޅުނު މެޗުތައް ކާމިޔާބުކޮށް، ފެށުން ރަނގަޅުކޮށްފިއެވެ.
މި މުބާރާތުގައި ބުދަ ދުވަހު ދެ މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ޔުނައިޓެޑް ކުޑަހެންވޭރިޔަންސްގެ މައްޗަށް ލަޔަންސް ކުރިހޯދީ ސީދާ ތިން ސެޓުނުްނެވެ. މި މެޗުގެ ސެޓުތައް ލަޔަންސް އިން ގެންދިޔައީ ފަސޭހަކަމާއެކު، 25-16، 25-18 އަދި 25-18 އިންނެވެ.
ބުދަ ދުވަހުގެރޭ އެޗްޑީސީއިން ވަނީ ޕޮލިސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު އެޗްޑީސީ އިން ފަސޭހަކަމާއެކު 25-20 އިން ގެންދިޔަ ނަމަވެސް ފަހު ދެ ސެޓުގައި ޕޮލިސް ކްލަބް ވަނީ ރަނގަޅު ފައިޓެއްދީފައެވެ. މި މެޗުގެ ފަހު ދެ ސެޓު އެޗްޑީސީން ގެންދިޔައީ 25-23 އަދި 25-23 އިންނެވެ.
މި ފަހަރުގެ މުބާރާތުގައި އަށް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ޕޫލް އޭގައި ހިމެނޭ ޓީމުތަކަކީ އެޗްޑީސީއާ ޕޮލިސް ކްލަބްގެ އިތުރުން ޔުނައިޓެޑް ހެންވޭރިއަންސް އަދި ލަޔަންސްއެވެ.
ޕޫލް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބް، ދަނޑިމަގު ރެކްރިއޭޝަން ކްލަބް، އެމްޓީސީސީ އަދި ސަން ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގައި ބުރާސްފަތި ދުވަހު ވެސް ދެ މެޗު ކުޅޭނެއެވެ. ބުރާސްފަތި ދުވަހު ހަވީރު، ދިވެހި ސިފައިންގެ ކްލަބުން ނުކުންނާނީ ދަނޑިމަގު ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. އަދި ބުރާސްފަތި ދުވަހުގެރޭ އެމްޓީސީސީ އިން ނުކުންނާނީ ސަން ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.