ޚަބަރު

ބާރަށުގެ ކުނި މެނޭޖްކުރުން ވެމްކޯއަށް


  • ބާރަށަކީ ކުނިމެނޭޖުކުރަށް ދަތިތަކާއި ކުރިމަތިވެފައިވާ ރަށެއް

  • ވެމްކޯއާ ހަވާލުކުރުމުން ކައުންސިލަށް ބޮޑު ފަސޭހައެއް ލިބޭނެ

ހއ. ބާރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއާ ހަވާލުކޮށްފިއެވެ. ބާރަށުގައި ވަނީ، މިކަމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ބާރަށުގެ ކުނި މެނޭޖުކުރުން ވެމްކޯއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަބްދުﷲ ޝިނާންއެވެ. އަދި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލުގެ ރައީސް ޢަލީ ޝަމީމެވެ.

މި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ ޖެނެރަލް މެނޭޖަރ އަބްދުﷲ ޝިނާން ވިދާޅުވީ، މި އެއްބަސްވުމަކީ ހއ. ބާރަށުގައި ކުރިއަށް އޮތްތަނުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ފެށުމުގެ އެންމެ ފުރަތަމަ އެއް މަރުހަލާ ކަމަށެވެ.

"އަދުގެ ރައީސްގެ ވަރަށް ބޮޑު ވައުދެއް މިއީ ދިވެހިރާއްޖޭގެ ރަށްތަކުގައި ކުނި ރަނގަޅު ގޮތުގައި މެނޭޖުކުރުމުގެ ކަންތައްތައް އެންމެ ފުރިހަމައަށް ގެންދިއުން. އެގޮތުން މިއަދު ވެމްކޯއާއިއެކު ސޮއިކުރެވިގެން މިދިޔައީ އޭގެ އެންމެ ފުރަތަމަ އެއް މަރުހަލާ. ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ބާރަށުގައި ކުނި މެނޭޖުކުރުމުގެ ކަންތައްތައް ކައުންސިލާއި ގުޅިގެން ރާވައިގެން ކުރިއަށް ގެންދެވޭނެ. މިރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މި ބެލެވެނީ ކުރިއަށް އޮތްތަނުގައި." އަބްދުﷲ ޝިނާން ވިދާޅުވިއެވެ.

ބާރަށު ކައުންސިލުގެ ރައީސް ޢަލީ ޝަމީމް ވިދާޅުވީ، މީގެކުރިން އެ ރަށުގައި ކުނި މެނޭޖުކުރުމަކީ ކައުންސިލަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އެންމެ އެކަށޭނަ ވަސީލަތްތަކާއި ބަޖެޓު ނެތުމުގެ ސަބަބުން އެކަން ކުރުމަށް ގޮންޖެހުންތަކެއް ހުރިކަމަށް ވިދާޅުވިއެވެ. ނަމަވެސް ކުނި މެނޭޖްކުރުން ވެމްކޯއާހަވާލުވެގެން ދިއުމަކީ ލިބިގެންދިޔަ ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވިއެވެ.

" ވެމްކޯ މިކޮޅަށް އައުމުން ލިބޭ އަނެއް ކުރިއެރުމަކީ، މުޅި ރަށުގެ ކުނި މެނޭޖުކުރުމުގެ ކަންތައް އެ ބޭފުޅުން ކުރިއަށް ގެންދާނީ. ދެން އޭގެ އިތުރަށް އިޖުތިމާއީ ސަރަހައްދުގައާއި ކަންކަންވެސް ބަލަހައްޓާނީ އެބޭފުޅުން. ހުރިހައި ގެއެއްގައި އުފެދޭ ކުނި ނައްތާލާނީ އެބޭފުޅުން. ސަސްޓެއިނަބަލް ގޮތެއްގައި މިކަން އެންމެ ރަނގަޅަށް ކުރެވޭނެ ބަޔަކީވެސް އަޅުގަނޑު ޤަބޫލުކުރަނީ ވެމްކޯކަމަށް. މިއީ، ރަށަށް ވަރަށް ބޭނުންވެފައި އޮތް މަސައްކަތެއް." އޭނާ ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވޭސްޓް މެނޭޖްމަންޓް ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހައި ރަށެއްގައި ކުނި މެނޭޖުކުރުމަށް މި ގެންގުޅޭ ސިޔާސަތުގެ ދަށުން އިތުރުވި ބޮޅެއް ކަމަށެވެ. ބާރަށަކީ، ބިމުގެ ސައިޒުން ބޮޑު ކުނި މެނޭޖުކުރުމަށް ތަފާތު ގިނަ ގޮންޖެހުންތައް ކުރިމަތިވެފައި އޮތް ރަށެއްކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

" މި އެއްބަސްވުމުގެ ދަށުން ވެމްކޯގެ ފަރާތުން މި ހުރިހައި ކުންޏެއް މިރަށުން ބޭރުކުރެވޭނެ. މިރަށަކީ، ސާފުތާހިރު ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ އާސާރުތަކެއް އެކުލެވިގެންވާ ރަށަކަށްވާތީވެ ފަތުރުވެރިންނާއި އަދި މިރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށްވެސް ވަރަށް ހިތްފަސޭހަ ރަށެއްގެ ގޮތުގައި ބާރަށް އޮތުމަކީ ސަރުކާރުން އަދި ރައީސްވެސް ވަރަށް އިސްކަންދެއްވާކަމެއް." ޝުޖާއު ވިދާޅުވިއެވެ.

މި އެއްބަސްވުމާއިއެކު ބާރަށުގައި ކުނި މެނޭޖުކުރުމުގެ ހުރިހައި ކަމެއްވެސް ކުރާނީ، ވެމްކޯގެ ފަރާތުންނެވެ. މިއީ، ރަށުގެ ކުނި މެނޭޖުކުރުމަށް ލިބުނު ބޮޑު ފަސޭހައެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރައްވައެވެ.