ބްރެޒިލްގެ ކުރީގެ ތަޖްރިބާކާރު ކުޅުންތެރިޔާ ރޮނާލްޑީނިއޯ އަނެއްކާވެސް ވާދަވެރި ފުޓުބޯޅައަށް އެނބުރި އައްނަން ނިންމައިފިއެވެ.
މަޢުލޫމާތުލިބޭގޮތުގައި ރޮނާލްޑިނިއޯ މިފަހަރު ފެނިގެންދާނީ އިޓަލީވިލާތުގެ ތިންވަނަ ޑިވިޜަން ނުވަތަ ސެރީ ސީގެ ކްލަބެއް ކަމަށްވާ ރަވޭނާ އެފްސީއިންނެވެ. އަދި ރަވޭނާގެ ކުޅުންތެރިއެއްގެ ގޮތުގައި އާންމުކޮށް ދައްކާލުމުގެ ރަސްމިއްޔާތަށްޓަކައި ރޮނާލްޑީނިއޯ މިހާރުވަނީ އިޓަލީވިލާތުގެ ފޯލީއަށް ގޮސްފައެވެ.
ރޮނާލްޑީނިއޯ އަލުން ވާދަވެރި ފުޓްބޯޅައިން ފެނިގެންމިދަނީ އޭނާ ކުޅުން ހުއްޓާލިތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
އުމުރުން 46 އަހަރުގައި ރިޓަޔަމަންޓުން އެނބުރި އައުމަށް ރޮނާލްޑީނިއޯ ނިންމި ނިންމުމުގެ ސަބަބުން ގިނަ ބަޔެއްގެ ސަމާލުކަންވަނީ މިކަމަށް ހުއްޓިގެން ގޮސްފައެވެ. ރަވޭނާގެ ރައީސް އިގްނާޒިއޯ ސިޕްރިއާނީ ބުނީ މިސީޒަންގައި އެޓީމުން އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުގެ ތެރެއިން މަދުވެގެން އެއްމެޗުގައި ރޮނާލްޑީނިއޯ ކުޅޭނެކަމަށެވެ.
2005 ވަނަ އަހަރު ބެލޮން ޑިއޯގެ އިނާމް ހާސިލްކޮށްފައިވާ ރޮނާލްޑީނިއޯ އެންމެ ފަހުން ވާދަވެރި މެޗެއް ކުޅެފައިވަނީ 2015 ވަނަ އަހަރު ބްރެޒިލްގެ ކްލަބް ފުލުމިނެންސޭ އަށެވެ.
ބުނެވޭގޮތުގައި ރަވޭނާގެ ދަނޑަށް ކުޅިބަލަން ވަދެވޭ ސަޕޯޓަރުންގެ އަދަދަކީ 12 ހާހެވެ. އަދި ރޮނާލްޑީނިއޯގެ އެނބުރި އައުމުގެ ހަބަރާއެކު ރަވޭނާގެ ސަޕޯޓަރުންގެ އިތުރުން އެހެއް ސަރަހައްދު ތަކުގެ ރައްޔިތުންގެ ސަމާލުކަންވެސް ވަނީ ލިބެން ފަށައިފައެވެ. އަދި ރޮނާލްޑީނިއޯއަށް ލިބޭ ސަމާލުކަންވެސް މިވަނީ އިތުރުވެގެން ގޮސްފައެވެ.