ޚަބަރު

ޕްރިމިއަރ ލީގުގެ ތަށި ދިފާއު ކުރުމަށް އާސެނަލް ތައްޔާރު: އާޓެޓާ


  • ލީގުގެ ފުރަތަމަ މެޗުގައި އާސެނަލް މާދަމާ ރޭ ނިކުންނާނީ ކޮވެންޓްރީ ސިޓީ އާއި ދެކޮޅަށް

އިންގްލިޝް ޕްރިމިއަރ ލީގުގެ ތަށި ދިފާއު ކުރުމަށް އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް ތައްޔާރު ކަމުގައި އެޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

އަހަރު ތަކެއް ވަންދެން އާސެނަލް ވެފައިވި އެއްވަނައިގާ އުޅޭ ޓީމު އެމަގާމުން ވައްޓާލުމަށް މަސައްކަތް ކުރަމުންދިޔަ އެއް ޓީމަށެވެ. ނަމަވެސް މިފަހަރު އާސެނަލް ވެގެންދާނީ އެޓީމުގެ މަގާމުން ވައްޓާލުމަށް އެހެން ޓީމުތަކުން މަސައްކަތް ކުރާނެ ޓީމަށެވެ. މިމަސައްކަތް ފެށިގެންދާނީ މާދަމާ ރޭ އަމިއްލަ ދަނޑުގައި ކޮވެންޓްރީ ސިޓީ އާއި ދެކޮޅަށް ކުޅޭ ސީޒަންގެ ފުރަތަމަ މެޗާއެކުއެވެ. އާސެނަލްއިން ލީގު ކާމިޔާބު ކުރުމަށް ކުރަމުންދިޔަ މަސައްކަތް މިދިޔަ ސީޒަންގައިވަނީ ކާމިޔާބު ކޮށްފައެވެ. މިހާރު ދެންއޮތީ އެހޯދި ކާމިޔާބީ ދިފާއު ކުރުމުގައި އާސެނަލްއަށް ކާމިޔާބު ލިބެނީ ކިހާވަރަކަށްތޯ ބެލުމެވެ. ޕްރިމިއަރ ލީގުގައި މިހާތަނަށް ތަށި ދިފާއު ކުރުން ވެފައިވަނީ ގިނަ ޓީމު ތަކަށް ވަރަށް އުނދަގޫ ކަމަކަށެވެ.

އާޓެޓާ ބުނީ ތަށި ދިފާއު ކުރެވޭނެތޯ ބުނަން އޭނާއަށް ނޭނގޭ ކަމަށާއި އެކަން އެނގިގެންދާނީ މުބާރާތް ކުރިއަށްދާ ގޮތަކުން ކަމަށެވެ. މިހާތަނަށް އޭނާ އާސެނަލް އާއެކު ކުރަމުންދިޔަ މަސައްކަތް މިސީޒަންގައި ތަފާތު ވާނެކަމަށާއި ނަމަވެސް މިމަސައްކަތް އޭނާއަށް ކާމިޔާބު ކުރެވޭނީ ކިހާވަރަކަށް ކަންއެނގިގެންދާނީ ފަހުން ކަމަށް އޭނާ ބުންނެވެ. ނަމަވެސް މިއާއެކުވެސް އާސީޒަނަށް އާސެނަލް ވަރަށް ރަނގަޅަށް ތައްޔާރަށް އޮތް ކަމަށްވެސް އާޓެޓާ ހާމަކޮށްފައިވެއެވެ.

ޕްރިމިއަރ ލީގުގެ އާސީޒަން ފެށެން ވަގުތު ކުޑަތަންވަމުންދާއިރު މިފަހަރު ޕްރިމިއަރ ލީގަށް މިވަނީ ގިނަ ބަދަލު ތަކެއް އައިސްފައެވެ. ނުވަ ކްލަބެއްގެ ކޯޗުންވަނީ އާވެފައެވެ. ހާއްސަކޮށް މިދިޔަ ސީޒަނާއި ހަމައަށް އެންމެ ގިނަ ދުވަހު ލީގުގައި ހަރަކާތްތެރިވަމުންދިޔަ މެންޗެސްޓަރ ސިޓީގެ ކޯޗު ކަމަށްވާ ޕެޕް ގާޑިއޯލާ މިވަނީ ލީގާ ދުރައް ގޮސްފައެވެ. އަދި ލީގުގައި ފާހަގަ ކޮށްލެވޭ ބައެއް ބޮޑެތި ކުޅުންތެރިންވެސް ވަނީ ލީޑު ދޫކޮށްލާފައެވެ. މީގެތެރޭގައި ސިޓީގެ ރޮޑްރީ އާއި ލިވަޕޫލްގެ މުހަންމަދު ސަލާހް ފާހަގަ ކޮށްލެވެއެވެ.

އާސެނަލް އެންމެ ފަހުން ޕްރިމިއަރ ލީގުގެ ތަށި ދިފާއު ކުރުމަށް މަސައްކަތް ކޮށްފައިވަނީ 2004 -2005 ވަނަ އަހަރުގެ ސީޒަންގައެވެ. ނަމަވެސް އެފަހަރު އެޓީމުން ކުރި މަސައްކަތުގައި ލީގު ނިންމާލީ ޗެލްސީގެ ފަހަތުން ދެވަނައިގައެވެ. އަދި 1935 ވަނަ އަހަރަށްފަހު އާސެނަލްގެ އެއްވެސް ޓީމަކަށް މިހާތަނަށް ލީގު ތަށި ދިފާއު ކުރެވިފައެއް ނުވެއެވެ.

މާދަމާ ރޭ ކޮވެންޓްރީ އާއި ދެކޮޅަށް ކުޅޭ މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އާޓެޓާވަނީ ކޮވެންޓްރީ މިސީޒަންގައި ޕްރިމިއަރ ލީގަށް ޕްރޮމޯޓް ކޮށްދިނުމަށްޓަކައި އެޓީމުގެ ކޯޗު ފްރޭންކް ލެމްޕާޑް ކޮށްފައިވާ މަސައްކަތަށް ތައުރީފް ކޮށްފައެވެ. އަދި މިމެޗުގައި ކޮވެންޓްރީގެ ފަރާތުން ކުރިމަތިވާނެ ނުރައްކާ ރަނގަޅަށް އެނގޭ ކަމަށާއި އެކަމަށް އާސެނަލް ފުރިހަމައަށް ތައްޔާރު ކަމަށްވެސް އާސެނަލްގެ ކޯޗު ފާހަގަ ކުރިއެވެ.