ޚަބަރު

ސާވީނިއޯއަށް 85 މިލިޔަން ޕައުންޑް ދޭން ސްޕާސްއިން އެއްބަސް


  • ސިޓީއިން މިހާރުވަނީ ސްޕަރސްގެ މެޑިކަލް ހެދުމުގެ ހުއްސަ ސާވިނިއޯއަށް ދީފަ

އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅެމުންދާ ބްރެޒިލްގެ ސާވީނިއޯ ގެންދިއުމަށް މަސައްކަތް ކުރަމުންދާ ޓޮޓްނަމް ހޮޓްސްޕަރ އާއި ސިޓީ އާއި ދެމެދު 85 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއަކަށް އެއްބަސްވެވުމަކަށް އާދެވިއްޖެއެވެ.

މިއެއްބަސްވުމުގެ ދަށުން ސްޕާސްއިންވަނީ 75 މިލިއަން އެއްކޮށްދީ އެހެން ކަންތައްތަކާއި ގުޅުވައިގެން އިތުރު 10 މިލިއަން ޕައުންޑް ދިނުމަށް އެއްބަސްވެފައެވެ. ސިޓީއިން މިހާރުވަނީ އުމުރުން 22 އަހަރުގެ ސާވީނިއޯއަށް ސްޕަރސްގެ މެޑިކަލް ހެދުމުގެ ކަންތައްތަކައިގެން ކުރިއަށް ދިއުމުގެ ހުއްދަ ދީފައެވެ. ސްޕަރސްއިން އެޓީމަށް ސާވީނިއޯ ގެންދިއުމަށް މިދިޔަ ސީޒަންގައިވެސް މަސައްކަތް ކުރިއެވެ. އެފަހަރު ސާވީނިއޯ ބޭނުންވީ ސިޓީގައި މަޑުކުރާށެވެ. ނަމަވެސް މިދޔަ ސީޒަންގައިވެސް ސާވީނިއޯއަށް ގަވައިދުން ސިޓީގެ ފުރަތަމަ އެގާރައިން ޖާގަލިބިފައެއް ނުވެއެވެ. އެހެން ކަމުން މިއީ 12 މަސް ދުވަހަށް ދެމިގެންދިޔަ ޓްރާސްފަރއެއްގެ ގޮތުގައި ބައެއް ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.

މިސީޒަނަށް ސްޕާސް ވަރުގަދަ ކުރުމުގެ ގޮތުން އެޓީމުން މިހާރުވެސް ވަނީ މެދުތެރެއިން ކުޅޭ ދެ ކުޅުންތެރިންކަމަށްވާ ވެސްޓް ހޭމް ޔުނައިޓެޑްގެ މެތިއަސް ފެނާންޑޭސް އާއި ނިއުކާސްލް ޔުނައިޓެޑްގެ ސަންޑްރޯ ޓޮނާލީ ގެންދިއުމަށް 185 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ. އަދި އެޓީމުގެ ކޯޗު ކަމާއި މިދިޔަ ސީޒަންގެ ފަހު ކޮޅު ހަވާލުވި ރޮބާޓޯ ޑި ޒަރބީގެ ވިސްނުން މިހާރު ހުރީ ފޯވަޑް ލައިން ވަރުގަދަ ކުރުމަށެވެ. ސްޕަރސްއިން ސާވީނިއޯގެ އިތުރުން ސިޓީގެ ފޯވަޑް އޮމަރު މަރުމޫޝް ގެންދިއުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އަދި ދެކްލަބްގެ މެދުގައި ދެކެވެމުންދާ ވާހަކަތައް ވަރަށް ރަނގަޅަށް ކުރިއަށްދާކަމަށް ހަބަރު އަންނަނީ ލިބެމުންނެވެ.

2025 ވަނަ އަހަރު ޖަރުމަނު ބުންޑެސްލީގާގެ އެއިންޓްރެކްޓް ފްރޭންކްފަރޓްއިން ސިޓީއަށް ބަދަލުވި މިޞްރުގެ ފޯވަޑް މަރުމޫޝް އެޓީމަށް ސޮއިކޮށްފައިވަނީ 59 މިލިއަން ޕައުންޑްގެ އަގަކަށެވެ. ޕްރިމިއަރ ލީގުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމުކަމަށްވާ ސިޓީއިން ގިނަ އަދަދެއްގެ ކުޅުންތެރިން ނިމިގެންދިޔަ ސީޒަނަށްފަހު ދޫކޮށް ދަމުންދާތީ މިފަހަރު އެޓީމުން ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެއެވެ.

ސްޕާސްއިން އަންނަނީ ލިވަޕޫލްގެ ފޯވަޑް ކޯޑީ ގަކްޕޯ ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސާވީނިއޯގެ ވިޔަފާރި އަށް އެއްބަސްވުމަކަށް އާދެވި އަދި މަރުމޫޝް އެޓީމަށް ގެނެވޭނަމަ ގަކްޕޯ ހޯދުމަށް އިތުރަށް ސްޕާސްއިން މަސައްކަތް ކުރާނެތޯ މިއީ އުފެދޭ ސުވާލެކެވެ.