ޚަބަރު

މާބައިދޫ އައިސްޕްލާންޓް މިއަހަރު ހުޅުވަނީ


  • މިއީ 25 ޓަނުގެ އައިސްޕްލާންޓެއް

  • 85% މަސައްކަތް މިހާރުވަނީ ނިމިފައި

ލ. މާބައިދޫގައި ސަރުކާރުން ޤާއިމުކުރާ އައިސްޕްލާންޓުގެ މަސައްކަތް ނިންމާ މިއަހަރު ބޭނުންކުރަން ފަށާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި އައިސްޕްލާންޓް ޤާއިމްކޮށް ހިންގުމަށް މިފްކޯއާއި ވަނީ ހަވާލުކޮށްފައެވެ.

މާބައިދޫގައި ތަރައްޤީކުރަމުންދަނީ 25 ޓަނުގެ އައިސްޕްލާންޓެކެވެ. މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، މާބައިދޫގައި ޤާއިމުކުރާ މި އައިސްޕްލާންޓުގެ %85 މަސައްކަތް ނިމި، މި އަހަރު ތެރޭގައި ހުޅުވިގެންދާނެކަމަށެވެ.

މިހާރު އެ ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ އައިސްޕްލާންޓަށް ބޭނުންވާ ޑީސެލް ޓޭންކް ބެހެއްޓުމުގެ މަސައްކަތާއި އިމާރާތުގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ.

މާބައިދޫގައި މިހާރު ކުރިއަށްދާ މަސައްކަތްތައް ނިމި، މި އައިސްޕްލާންޓުން ޚިދުމަތް ދޭން ފެށުމުން، އެ ރަށުގެ އިތުރުން ލ. އަތޮޅުގެ މަސްވެރިންނަށް އައިސް ހޯދުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި މަޝްރޫޢަކީ އެ ސަރަޙައްދުގެ މަސްވެރިންނަށް ފަސޭހަކަމާއެކު ތާޒާ އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށާއި، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓްތައް ޤާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވަމުންނެވެ.

5 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކޮށް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށާއި، އިތުރު 15 ރަށުގައި އައިސްޕްލާންޓުގެ ޚިދުމަތް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މީގެއިތުރުން، 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ވަރުގެ ފެސިލިޓީއެއް ހުޅުމާލޭގައިވެސް ޤާއިމްކުރުމަށް ނިންމާފައިވެއެވެ.