ޚަބަރު

ބަންގްލަދޭޝްގެ 23 ވަނަ ރައީސް، ފަޚްރުލް އިސްލާމް އާލަމްގީރް ހުވާކުރައްވައިފި


ބަންގްލަދޭޝްގެ 23 ވަނަ ރައީސްގެ މަގާމަށް ފަޚްރުލް އިސްލާމް އާލަމްގީރް ހުވާ ކުރައްވައިފިއެވެ.

ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ އުމުރުން 78 އަހަރުގެ އާލަމްގީރް މި މަޤާމަށް އިންތިޚާބުވެވަޑައިގަތީ ބުރާސްފަތި ދުވަހު ޤާނޫނުހަދާ މަޖިލީހުގައި ނެގުނު ވޯޓަކުންނެވެ. މި އިންތިޚާބު އޭނާ ކާމިޔާބު ކުރެއްވީ 255 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން އަދި ޖަމާއަތު އިސްލާމީ އިސްވެ އުފައްދާފައިވާ 11 ޕާޓީގެ އިދިކޮޅު އިއްތިޙާދުގެ ކެންޑިޑޭޓް، ރިޓަޔަރޑް ކާނަލް އޮލީ އަޙްމަދު އަށް ލިބިވަޑައިގަތީ 88 ވޯޓެވެ.

މި ކާމިޔާބީއާ ގުޅިގެން، ދައުލަތުގެ ނިއުސް އޭޖެންސީ ބީއެސްއެސް އަށް ދެއްވި ބަސްދީގަތުމެއްގައި އާލަމްގީރް ވިދާޅުވީ، އޭނާގެ އުއްމީދަކީ ބާކީކުރެވިފައިވާ މުޖުތަމަޢުތަކާއި، މަސައްކަތްތެރިންނާއި، ދުވަހު އުޖޫރައަށް މަސައްކަތްކުރާ މީހުންނަށް އުފާވެރި، ފާގަތި އަދި ލާބަޔާއި މަންފާއަށް އިސްކަންދޭ ދައުލަތެއް ބިނާކުރުން ކަމަށެވެ.

ބަންގްލަދޭޝްގެ ވެރިކަމުގެ ނިޒާމު އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ މައިގަނޑު ގޮތެއްގައި ރަމްޒީ މަޤާމެއް ނަމަވެސް، އެއީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ޒިންމާ އަދާކުރައްވާނީ ރައީސެވެ.

އާލަމްގީރް ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވީ، ޑާކާ ޔުނިވަރސިޓީގައި އިޤްތިޞާދީ ދާއިރާއިން ކިޔަވާވިދާޅުވަމުންނެވެ. އެގޮތުން 1969 ވަނަ އަހަރު ޕާކިސްތާނުގެ އަސްކަރީ ވެރިކަމާ ދެކޮޅަށް ހިންގި ޙަރަކާތުގައި ދަރިވަރުންގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، ބީއެންޕީއާ ގުޅިވަޑައިގަތީ 1990 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އޭނާ ވަނީ ލޯކަލް ގަވަރމަންޓް ވަޒީރުކަމުގެ އިތުރުން ދަނޑުވެރިކަމާއި، އޭވިއޭޝަން އަދި ފަތުރުވެރިކަމާބެހޭ ވަޒީރުކަން ވެސް ކުރައްވާފައެވެ.