ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން އެސްޕަންޔޯލްއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މޮޅަކުން ލީގު ފަށައިފިއެވެ.
މިއީ ރެއާލް މެޑްރިޑާ ދެވަނަ ފަހަރަށް ގުޅުނު މޮރީނިއޯ އެ ޓީމާ ހަވާލުވި ފަހުން ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ ކުރިން މޮރީނިއޯ ވަނީ އޭނާގެ އާންމު އުސޫލުން ނޫސްވެރިންގެ ބައްދަލުވުމުގައި ރުންކުރު ޖަވާބުތަކެއް ދީފައެވެ.
އެސްޕަންޔޯލްގެ ދަނޑުގައި ކުރިއަށްދިޔަ މި މެޗުގެ ނުވަވަނަ މިނިޓްގައި ރެއާލުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މިއީ ލިބުނު ހިލޭ ޖެހުމެއްގެ ބޭނުން ހިފައި އިތުބާރު މިޑްފިލްޑަރު ޖޫޑް ބެލިންގްހަމް ބޮލުން ގޯލުގެ މަތީ ކަނަށް ބޯލަ ފޮނުވައިލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑަށްފަހު ވެސް ރެއާލުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެ އެސްޕަންޔޯލްގެ ގޯލަށް ނުރައްކާކުރިއެވެ.
އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެސްޕަންޔޯލް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ ހެނާންޑޭޒްގެ އެހީތެރިކަމާއެކު އެލެކްސް ކަލަޓްރަވާ ކާމިޔާބުކުރި ލަނޑެކެވެ.
ދެވަނަ ހާފުގައި ރެއާލުން ވަނީ ބަދަލުތަކެއް ގެނަސް މެޗުގެ ނަތީޖާ އެ ޓީމުގެ ކޮޅަށް އަނބުރާލަން މަސައްކަތްކޮށްފައެވެ. އެގޮތުން ކުރި މަސައްކަތް ރެއާލަށް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގައެވެ. މެޗުން ރެއާލް މޮޅުކޮށްދިން ގޯލު އެ ޓީމަށް ޖަހައިދިނީ ކާލޯސް އެކްސްޕީއެވެ.
ރެއާލުން ސްޕެނިޝް ލީގުގެ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ނުކުންނާނީ ރެއާލް ސޮސައިދާދްއާ ދެކޮޅަށެވެ.