ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންގެ މުސްތަޤްބަލް ބައްޓަންކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް އަދި ސެއިލްސް ޕްރޮޖެކްޓް ގުޅިގެން ޚާއްސަ "އޯޕަން ޑޭ" އެއް ބާއްވައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ވިލާ ކޮލެޖްގެ އެހީތެރިކަމާއެކު، އެ ކޮލެޖުގެ ހޯލުގައި، މިއަދު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ.
މިއީ ވަޒީފާ ނެތް ފަރާތްތަކަށާއ،ި ފަތުރުވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކުގެ އިތުރުން، މި ދާއިރާއިން ކުރިއަށްދާން އެދޭ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ހަރަކާތެކެވެ. މި އޯޕަން ޑޭގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އެޕްރެންޓިސްޝިޕް އަދި މި ދާއިރާއިން ކުރިއަށްދެވެން ހުރި ފުރުޞަތުތަކުގެ މައުލޫމާތުދިނުމެވެ.
މި ހަރަކާތުގެ ތެރެއިން ސެންޓާރާގެ ރެކްރޫޓްމަންޓް ޓީމާއި، އެޗް.އާރް މަންދޫބުންނާ ބައްދަލުކޮށް، މި ދާއިރާގެ މަޢުލޫމާތު ސާފުކުރުމުގެ އިތުރުން، ވަގުތުން ސީވީ ސްކްރީންކޮށް، އިންޓަވިއު ކުރުމުގެ ފުރުސަތު ބައިވެރިންނަށް ވަނީ ފަހިކޮށްދީފައެވެ. އަދި ސެންޓާރާގެ މުވައްޒަފުންނަށް ލިބޭ ޢިނާޔަތްތަކާއި، ޕެނަލް ޑިސްކަޝަން އަދި ސުވާލާއި ޖަވާބު ސެޝަންތައްވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން ވަޒީފާގެ 27 ފުރުސަތަކާއި، 13 އެޕްރެންޓިސްޝިޕް ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި 30 ކުދިންނަށާއި، އެކުދިންގެ ބެލެނިވެރިންނަށް ސެންޓާރާގެ ރިސޯޓުތަކުގެ ޚިދުމަތްތަކާއި ހިންގުންތެރިކަން ބަލާލުމުގެ ފުރުސަތުވެސް ހުޅުވާލާފައިވެއެވެ.
މި އޯޕަން ޑޭގައި ރާއްޖޭގައި ހިންގާ ސެންޓާރާގެ 4 ރިސޯޓަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި މައްޗަފުށި އައިލެންޑް ރިސޯޓް އެންޑް ސްޕާ، ސެންޓާރާ ރަސް ފުށި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް، ސެންޓާރާ ގްރޭންޑް ލެގޫން މޯލްޑިވްސް އަދި ސެންޓާރާ މިރާޖް ލެގޫން މޯލްޑިވްސް ހިމެނެއެވެ.