އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގެ ފާފު އަތޮޅު މުބާރާތުގައި ހޯމަ ދުވަހު ކުޅުނު ދެމެޗު ވެސް އެއްވަރުވެގެން ނިމިއްޖެއެވެ.
މި އަތޮޅުގެ ހުރިހާ މެޗެއްވެސް ފ. ނިލަންދޫގައި ކުޅޭއިރު ހޯމަ ދުވަހުގެ ހަވީރުގެ މެޗުގައި ބައްދަލުކުރީ ދަރަނބޫދޫއާއި ފީއައްޔެވެ. މި މެޗު ނިމުނީ 3-3 އިން ދެޓީމު އެއްވަރުވެގެންނެވެ.
މެޗު ފަށައިގެން 7 މިނެޓުގެ ތެރޭގައި ފީއަލިން ދެލަނޑުގެ ލީޑެއް ނެގިއެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު މާވީއާއި މުޙައްމަދު މާކިންއެވެ.
ދެލަނޑުގެ ލީޑެއްގައި އޮވެ ފީއަލިން ކުޅެމުން ދަނިކޮށް 14 ވަނަ މިނެޓުގައި ދަރަނބޫދޫއިން ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރިފާއުއެވެ.
މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ދަރަނބޫދޫފެ އަލީ ނަސީރު ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އޭގެ ދެމިނެޓު ފަހުން އަޙްމަދު ރިޝްފާން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ދަރަނބޫދޫއަށް ލީޑުނަގައިދީފައެވެ. ލީޑުގައި އޮވެ އެޓީމަށް ކުޅެން ލިބުނީ އެންމެ މިނެޓެކެވެ. މެޗުގެ 26 ވަނަ މިނެޓުގައި ފީއަލިން މެޗުގެ ނަތީޖާ ހަމަހަމަކުރިއިރު މިލަނޑު އެޓީމަށް ޖަހައިދިނީ ސާއިދު އަޙްމަދު ހަމީދެވެ.
ވާދަވެރިކަން ބޮޑުވި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފީއަލީގެ ކީޕަރު މުޙައްމަދު އާދަމް އެވެ.
ހޯމަ ދުވަހުގެ ދެވަނަ މެޗުގައި ބައްދަލުކުރީ މަގޫދޫއާއި ބިލެއްދޫއެވެ. މި މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.
މެޗުގައި ދެނިގެންދިޔަ ދެލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބިލެއްދޫއިންނެވެ. ހާފުގެ ނުވަވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނުހާޒް ފާއިޒެވެ.
މަގޫދޫއިން ނަތީޖާ ހަމަހަމަކުރީ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މޫސާ މާހިލް މިގުދާދެވެ.
މި ނަތީޖާތަކާއިއެކު ވެސް ފ. އަތޮޅުގެ ޕޮއިންޓު ތާވަލުގެ އެއްވަނަ ލިބެނީ އެއް މެޗު މަދުން ކުޅެފައިވާ ނިލަންދޫއަށެވެ. ނިލަންދޫއަށް އެއް މެޗުން ތިން ޕޮއިންޓު ލިބިފައިވާއިރު ދެވަނަ އަދި ތިންވަނަ ލިބޭ ދަރަނބޫދޫއާއި މަގޫދޫއަށް ދެ މެޗު ކުޅެގެން ލިބެނީ ދެ ޕޮއިންޓެވެ. ދަރަނބޫދޫއަށް ކުރި ލިބެނީ ޖެހި ލަނޑުގެ ތަފާތުންނެވެ.
ތާވަލުގެ ހަތަރުވަނަ ލިބެނީ ފީއައްޔަށެވެ. ފުލުގައި އޮތީ ބިލެއްދޫއެވެ. ފީއައްޗަށް ދެ މެޗުން އެއް ޕޮއިންޓު ލިބިފައިވާއިރު ފުލުގައި އޮތް ބިލެއްދޫއަށް ދެ މެޗުން އެއް ޕޮއިންޓު ލިބިފައިވެއެވެ. ބިލެއްދޫގެ މައްޗަށް ފީއައްޔަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގައި ފ. އަތޮޅުން ބައިވެރިވީ ފަސް ޓީމެވެ. އެހެންކަމުން މި އަތޮޅުގެ ޗެމްޕިއަން ކަނޑައަޅާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޖާއެއް ލިބޭ ދެ ޓީމު ފައިނަލް މެޗެއް ކުޅެގެންނެވެ.