ޚަބަރު

މައި ކެރިއަރ ޕޯޓަލް: ކުރިއަށްދާނެ ދާއިރާތައް ދައްކުވައިދޭ މަގެއް!


  • ޕޯޓަލްއިން ކެރިއަރ ގައިޑެންސްގެ ޚިދުމަތް ލިބޭނެ

  • ރަޖިސްޓްރީވުމުން ބޭނުންވާ ދާއިރާއަކުން ވަޒީފާއަށް ހުޅުވާލުމުން އެނގޭނެ

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށް ފަރުމާކޮށްފައިވާ "މައި ކެރިއަރ ޕޯޓަލް" ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ، މިމަހުގެ 10 ވަނަ ދުވަހުއެވެ. މިއީ، ވަޒީފާ ބޭނުންވާ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް އެއް ތަނަކުން ގުޅުވާލަދޭނެ ޕޯޓަލްއެކެވެ.

މި ޕޯޓަލްއަކީ، ނޭޝަނަލް ކެރިއަރ ސަރވިސްގެ ފަރާތުން އިފްތިތާޙު ކުރި ޕޯޓަލްއެކެވެ. މައި ކެރިއަރ ޕޯޓަލްއަކީ، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތަކާއި ގުޅުވާލަދޭ ޕްލެޓްފޯމެކެވެ. އަދި މިއީ ކެރިއަރ ގައިޑެންސް ނުވަތަ ކުރިޔަށްދާނެ ދާއިރާތައް ބޭނުންވާ ސްކޫލު ދަރިވަރުންނަށް އެ ފުރުސަތުވެސް ފަހިކޮށްދޭނެ ޕޯޓަލްއެކެވެ.

މައި ކެރިއަރ ޕޯޓަލްއާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ނޭޝަނަލް ކެރިއަރ ސަރވިސްގެ ޑެޕިއުޓީ މިނިސްޓަރ ޝަހީދާ އަލީ ވިދާޅުވީ، ސްކޫލު ނިންމާ ކުދިންނަށް އަދި ކުރިއަށްދާނެ ދާއިރާތައް ނޭނގޭ ކުދިންނަށް މި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކެރިއަރ ގައިޑެންސްއަށް ބުކް ކުރެވޭނެ ކަމަށެވެ. އަދި ކެރިއަރ ގައިޑެންސް ކޮންސަލްޓަންޓުންނާއި އެއްކޮށް މަޝްވަރާ ކޮށްގެން ކުރިއަށް ގެންދެވޭނެ ގޮތް މި ޕްލެޓްފޯމުގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މި ޕްލެޓްފޯމަކީ, އެކި ކަހަލަ ހުނަރު އުނގެނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުތައްވެސް ލިބޭނެ ޕްލެޓްފޯމެއް ކަމަށް ވިދާޅުވިއެވެ. ސަބަބަކީ މި ޕްލެޓްފޯމުގައި ވަޒީފާދޭ ފަރާތްތަކާއި ތައުލީމުދޭ ފަރާތްތައް ރަޖިސްޓްރީވެފައިވާތީ ކަމަށް ވިދާޅުވިއެވެ.

"އެ ކުއްޖާ ބޭނުންވާ ވަޒީފާތަކާއި އެ ކުއްޖާގެ ކޮންކަހަލަ ސްކިލްއެއް ހުރެގެންކަން އެ ވަޒީފާއަކަށް ދެވޭނީ އަޅުގަނޑުމެންގެ ކެރިއަރ ގައިޑެންސްގެ ކޮންސަލްޓަންޓުން އެބަ ބުނެލަދޭ. ބުނެލަދޭއިރުގައި އަޅުގަނޑުމެންގެ ޕޯޓަލްގެ ތެރޭގައިވާ އިންސްޓިޓިއުޓްތަކުން ވަކި ކޮންތަނެއްކަންމީ ކޯސްތައް ހުރީ އެބަ ބުނެލަދޭ. ދެން އަޅުގަނޑުމެންނަށް އެބަ މެޗުކޮށްލަދެވޭ ބޭނުންވާ ސްކިލްސް އުނގެނޭނީ ކޮން ދާއިރާއަކުން ކިހިނެތްކަން. އުންމީދަކީ ޕްރައިވެޓް އަދި ޕަބްލިކް ސަރުކާރުންނާއި ހުރިހައި ފަރާތްތަކަކުން ކުރާ ވަޒީފާގެ އިއުލާންތައް މި ޕޯޓަލުގެ ތެރެއިން ކުރެވިގެންދިއުން." ޝަހީދާ ވިދާޅުވިއެވެ.

މި ޕޯޓަލްއާއި އެހެން ޕޯޓަލްތަކާއި ހުރި ތަފާތަކީ، މި ޕޯޓަލުގައި ރަޖިސްޓްރީވުމުން އެ މީހަކު ބޭނުންވާ ދާއިރާއަކުން ވަޒީފާއެއް އިއުލާން ކުރުމުން ފޯނަށް އަދި މެއިލްއަށް ނޮޓިފިކޭޝަން ދިޔުމެވެ. އެހެންކަމުން މިކަމުގެ ސަބަބުން ވަޒީފާ ހޯދާ ފަރާތްތަކަށް ކުރިޔަށްދާނެ މަގުތައް ހޯދުމަށް ފަސޭހަވާނެއެވެ. އަދި ވަޒީފާއަކަށް އެޕްލައިކޮށް ވަޒީފާ ނުލިބޭ ފަރާތްތަކަށްވެސް ޕޯޓަލްގެ ތެރެއިން ބޭނުންވާ ހުނަރު ބުނެދީ އެހީތެރިވެދޭނެއެވެ.

މި ޕޯޓަލް މެދުވެރިކޮށް ވަޒީފާގެ ފުރުޞަތުތައް އިޢުލާނު ކުރުމާއި، މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދިނުމުގެ އިތުރުން ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ ލުއިފަސޭހަކޮށް އަވަސްކޮށްދޭނެ ކަމަށް ނޭޝަނަލް ކެރިއަރ ސަރވިސްއިން މައުލޫމާތުދެއެވެ.