ލުބްނާންގެ ދެކުނުގެ ސަރަޙައްދުގައި ނިރުބަވެރި ޔަހޫދީ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާކުރަމުންދާއިރު، ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ގެއްލުވައިލާފައިވާ މީހުންގެ ތެރެއިން 330,000 އެއްހާ މީހުން އަދިވެސް ދިރިއުޅެމުން ދަނީ މަގުތަކާއި ވަގުތީ ހިޔާތަކުގައި، ނިކަމެތި ޙާލުގައި ކަމަށް އެކުވެރި ދައުލަތްތަކުގެ (އދ) ތަރުޖަމާނު ސްޓިފަން ދުޖަރީކް ހާމަކުރައްވައިފިއެވެ. ޔަހޫދީ ސިފައިން ލުބްނާންގެ ދެކުނުގެ ބިންތަކަށް ވެރިވެގަނެ، އެތައް ސަތޭކަ ހާސް ބަޔަކު ގެދޮރުން ބޭރުކޮށްފައިވާއިރު، ފާއިތުވި މަސްތަކުގެ ތެރޭގައި އޭގެ ތެރެއިން 820،000 އެއްހާ މީހުން އެނބުރި ގެދޮރަށް ގޮސްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ލުބްނާންގެ ދެކުނު ގަވަރުނަރޭޓު ސަރަޙައްދުން ގެދޮރު ގެއްލުނު %90 މީހުން ހިމެނެއެވެ.
މީގެ އިތުރުން، އަލް-ލަޔިޠާނީ ކޯރުގެ ދެކުނުގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޔަހޫދީންގެ ނިރުބަވެރި ޢުދުވާންތަކުގެ ސަބަބުން ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމުގައި ދުޖަރީކް ވިދާޅުވިއެވެ. އަދި، ޔަހޫދީ ސިފައިން ކުރިމަތި ކުރަމުންދާ ހުރަސްތަކުގެ ސަބަބުން ނިކަމެތީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށާއި އަސާސީ ޚިދުމަތްތައް އަލުން ފެށުމަށް ލަސްތަކެއް ކުރިމަތިވަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އުމްރާނީ ވަސީލަތްތައް ސުންނާފަތި ކޮށްލާފައިވާ ސަރަޙައްދުތަކަށް ޢާއިލާތައް އެނބުރި ދާއިރު، ޙަލުގައި ޖެހިފައިވާ މީހުންނަށް ހުރަހެއްނެތި އެހީ ފޯރުކޮށްދެވޭނެ މަގު ފަހިވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މާރިޗު 2 ވަނަ ދުވަހު ފެށި ލާއިންސާނީ ޢުދުވާނާއެކު، ޔަހޫދީ ފައުޖުން އަދިވެސް ދަނީ ލުބްނާންގައި ހިންގަމުންދާ ޖަރީމާތައް އިތުރު ސަރަޙައްދުތަކަށް ފުޅާކުރަމުންނެވެ. އެމެރިކާއިން މެދުވެރިވެގެން ޖޫން 26 ވަނަ ދުވަހު ލުބްނާން ސަރުކާރާއި ޔަހޫދީ ދައުލަތާ ދެމެދު ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލާފައިވާއިރު، ލުބްނާންގެ މުޖާހިދުންގެ ޙިޒްބުالله ޖަމާޢަތުން ހަތިޔާރު ބަހައްޓައި، ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން އެ ބިންތަކުން ބާލައި، އެ ސަރަޙައްދުގެ އަމަން ބެލެހެއްޓުމުގެ ޒިންމާތައް ލުބްނާންގެ އަސްކަރިއްޔާއާ ޙަވާލުކުރަން ޖެހެއެވެ. މި އެއްބަސްވުން ތަންފީޒު ކުރުމަށް ޔަހޫދީ ދައުލަތުން ހުރަސްއަޅަމުންދިޔަ ނަމަވެސް، އެ ކަން ކުރެވޭނެ މަގު ހޯދުމަށް އެމެރިކާގެ ބައިވެރިވުމާއެކު އަދިވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމާމެދު ދުޖަރީކް ވިދާޅުވީ، ޔަހޫދީ ފައުޖުގެ ވައިގެ ހަމަލާތައް މެދުކަނޑައިލާފައި ނެތުމަކީ އދ ގެ އިންސާނީ އެހީގެ ޚިދުމަތް ފޯރުކޮށްދޭ ޚިދުމަތްތެރިންގެ ބޮޑު ކަންބޮޑުވުމެއް ކަމުގައެވެ. އދ ގެ ކުޑަކުދިންނާ ބެހޭ ފަންޑާ (ޔުނިސެފް) ޙަވާލާދެއްވައި ދުޖަރީކް ވިދާޅުވީ، ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ނިރުބަވެރި ހަމަލާތަކުގައި ދެ އަހަރާއި 16 އަހަރާ ދެމެދުގެ ހަތަރު ކުޑަކުދިން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. މީގެ ތެރޭގައި، ހުސްވި ހަފުތާގައި ޔަހޫދީ ފައުޖުން ދިން ހަމަލާތަކެއްގައި ލިބުނު ޒަޚަމުތަކަށް ފަރުވާ ހޯދަމުން ދިޔަ ކުޑަކުއްޖަކު ހިމެނޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ޣައްޒާގެ ނިކަމެތީންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އެހީގެ ސާމާނާއި، ބޯފެން ފޯރުކޮށްދޭ ވަސީލަތްތަކަށް ވެސް ޔަހޫދީ ފައުޖުގެ ނިރުބަވެރި ހަމަލާތައް އަމާޒު ކުރަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.