ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްގެންދާތީ، ރަޝިޔާއަށް އަމާޒުކޮށް ދޭ ދުރުރާސްތާގެ ޑްރޯން ހަމަލާތައް ވަރުގަދަކޮށް، އިތުރުކުރުމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެޤައުމުގެ ސިފައިންނަށް އަންގަވައިފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ދެއްވި ޚާއްޞަ ޚިޠާބެއްގައި ޒެލެންސްކީ ވިދާޅުވީ، ރަޝިއާއަށް އަމާޒުކޮށް ދުވާލަކު މަދުވެގެން 1،000 ޑްރޯން ފޮނުވުމަށް ޔޫކްރެއިނު ސިފައިން މިހާރު ރާވަމުންދާ ކަމަށެވެ. މިއީ މިހާރު ފޮނުވަމުންދާ ކަމަށް އަންދާޒާކުރެވޭ 300 ޑްރޯނާ އަޅާބަލާއިރު ތިންގުނަ އިތުރު ޢަދަދެކެވެ.
"އަދިވެސް އިތުރުކުރަންޖެހޭ. ޙާޞިލްކުރަން ކަނޑައެޅިފައިވާ ލަނޑުދަނޑިއެއް އެބައޮތް، އަދި އަޅުގަނޑުމެން މި މަސައްކަތް ފުރިހަމަކުރާނަން،" ޒެލެންސްކީ ވިދާޅުވިއެވެ.
މީގެ އިތުރުން، ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވަނީ އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ) ގެ ވެރިޔާ ޖޯން ރެޓްކްލިފް ރަޝިއާއިން ކުރެއްވި ސިއްރު ޒިޔާރަތަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން، މިފަހުން މޮސްކޯގައި ބޭއްވުނު ބައްދަލުވުންތަކާ ބެހޭ މަޢުލޫމާތު އެމެރިކާގެ ފަރާތުން ޔޫކްރެއިނަށް ލިބިފައިވާ ކަމަށް ވިދާޅުވި ނަމަވެސް އިތުރު ތަފްޞީލެއް ނުދެއްވައެވެ. ނަމަވެސް އެމެރިކާއިން ޙިއްސާކުރި މަޢުލޫމާތާއި، ރަޝިއާއާއެކު ދެކެވުނު ވާހަކަތަކުގެ މުހިންމު މަޢުލޫމާތުތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރަޝިއާއިން ވެސް ވަނީ ރެޓްކްލިފް މޮސްކޯގައި ރަޝިއާގެ ޖާސޫސީ އިދާރާގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ރަޝިއާގެ ރައީސް ވްލެޑިމީރް ޕޫޓިންއާއެކު އެއްވެސް ބައްދަލުވުމެއް ނުބޭއްވޭ ކަމަށް ރަޝިޔާއުން ބުނެއެވެ.
ޔޫކްރެއިނާއި ރަޝިއާއާ ދެމެދު ސުލްޙައިގެ ވާހަކަތައް ހުއްޓިފައިވާ ދަނޑިވަޅެއްގައި ރެޓްކްލިފްގެ މި ދަތުރަކީ، މަތީ ފަންތީގެ ޖާސޫސީ އިދާރާތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމުގެ ދަތުރެއްކަމަށް ބެލެވެއެވެ.
މި ދަނޑިވަޅުގައިވެސް ރަޝިއާއިން ޔޫކްރރއިނަށް ދެމުންދާ ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރަޝިއާއިން ދިން ވަރުގަދަ ހަމަލާތަކުގައި ޔޫކްރެއިނުގެ އެކި ސަރަޙައްދުތަކުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.
އެގޮތުން ވެރިރަށް ކީވް ސަރަޙައްދުން މަދުވެގެން އެކަކު މަރުވެ ދެމީހުން ޒަޚަމްވެފައިވާއިރު، އުތުރުއީރުމަތީ ސުމީ ސަރަޙައްދަށް ދިން ޑްރޯން ހަމަލާއެއްގައި 61 އަހަރުގެ ފިރިހެނަކު މަރުވެ ހަތް މީހަކު ވަނީ ޒަޚަމްވެފައެވެ.
ހަމައެއާއެކު، ޔޫކްރެއިނުގެ ދެކުނުގައިވާ ޚޭރްސަންއަށް ދިން ވައިގެ އަދި އާޓިލަރީ ހަމަލާތަކުގައި 61 އަހަރުގެ މީހަކު މަރުވެ، ކުޑަކުއްޖަކު ހިމެނޭހެން 11 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ސަރަޙައްދުގެ ގަވަރުނަރު ވިދާޅުވިއެވެ. އަދި އުތުރުއީރުމަތީ ޚާރްކިވް ސަރަޙައްދުގައި ދިން ހަމަލާތަކުގައި 26 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ އަންހެނަކު މަރުވެ، ދެ ކުޑަކުދިން ހިމެނޭހެން 13 މީހަކު ވަނީ ޒަޚަމްވެފައެވެ.
ރަޝިއާގެ މި ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، ހަނގުރާމައިގެ ކުރީ ސަފާ ގާތްގަނޑަކަށް 1،000 ކިލޯމީޓަރު ދުރުގައިވާ ރަޝިއާގެ ޔާރޮސްލާވްލް ސަރަޙައްދުގެ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ޔޫކްރެއިނު ސިފައިން ހަމަލާދީފައިވާ ކަމަށް ޒެލެންސްކީ ވަނީ ހާމަކުރައްވާފައެވެ.
ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގެ އެތެރޭގެ އުފެއްދުންތަކަށާއި ތެޔޮ ގުދަންތަކަށް ދޭ ހަމަލާތަކުގެ ސަބަބުން، ރަޝިއާގެ ތެލުގެ ސަޕްލައިއަށާއި އެކްސްޕޯޓް އާމްދަނީއަށް ބޮޑެތި ހުރަސްތަކެއް އެޅި، އެޤައުމުގެ ރޮކެޓް އިންޖީނު އުފައްދާ ކާރުޚާނާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.