މެލޭޝިއާއަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ޔުނިވަރސިޓީތަކުގައި ހުރި ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ކުރިއަށްގެންދާ ސްޓަޑީ ފެއާއަށް ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށް މި ފެއަރ އިންތިޒާމްކުރާ މައި ކިއު ސްޓަޑީޒްއިން ބުނެފިއެވެ. މި ފެއާ ކުރިއަށްގެންދާނީ މިއަދު މެންދުރު 3:00އިން ރޭގަނޑު 10އަށް ބާސެލޯ ނަސަންދުރާގައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކިއު ސްޓަޑީގެ ސީއީއޯ ވިޖޭ ވިދާޅުވީ، މެލޭޝީއާގެ ކިއު ސްޓަޑީސްއިން ރާއްޖޭގައި މައި ކިއު ސްޓަޑީގެ ނަމުގައި ހިންގަމުންދާ ބްރާންޗުން އެކި ގައުމުތަކުގެ ޔުނިވާސިޓީތަަކަށް ދަރިވަރުން ފޮނުވުމުގެ ޚިދުމަތްތައް ދެމުންދާ ކަމަށެވެ. އަދި މިކަމުގެ މައުލޫމާތުތައް ދަރިވަރުންނަށް ދިނުމަށް އަބަދުވެސް ފެއާތައް ބާއްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ، މައި ކިއު ސްޓަޑީއިން ކުރިއަށްގެންދިޔަ މި ފެއާގެ ތެރެއިން އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ދަރިވަރުންނަށް ހިއްސާކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ފެއާގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ މައުލޫމާތުތަކެއް ފޯރުކޮށްދެވިގެންދާނެ. މީގެ ތެރޭގައި ޔުނިވަރސިޓީތަަކަށް އެޕްލައިކުރުމަށް ބޭނުންވާ ގައިޑެންސާއި، ވީސާގެ ކަންތައްތަކުގެ އިތުރުން އެއާޕޯޓުން އެކުދިން އެކޮމޮޑޭޝަންތައް ލާންދިއުމާއި އަދި އުޅޭނެ ތަނެއް ހޯދާދެން އަޅުގަނޑުމެން. މިކަމުގެ މައުލޫމާތުވެސް އަޅުގަނޑުމެން އެބަ ކުދިންނަށް ދެން." ސީއީއޯ ވިދާޅުވިއެވެ.
މައި ކިއު ސްޓަޑީޒްއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ މި ފެއާގެ ތެރެއިން މެލޭޝިއާގެ އަމިއްލަ އަދި ސަރުކާރުގެ ޔުނިވަރސިޓީތަކުގައި ހުރި ފުރުޞަތުތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޓެއިލާސް ޔުނިވަރސިޓީއާއި، މޮނާޝް ޔުނިވަރސިޓީ މެލޭޝިއާ، އޭޕީޔޫ އަދި އެގައުމުގެ މަތީ ފަންތީގެ އެެހެނިހެން ޔުނިވަރސިޓީތައް ހިމެނެއެވެ.
މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޔުނިވަރސިޓީތަކުގައި ހުރި ކޯސްތަކުގެ މަޢުލޫމާތު އޮޅުންފިލުވުމުގެ އިތުރުން ވަގުތުން ކޯހަށް ވަނުމުގެ ފުރުޞަތުވެސް ލިބޭނެ ކަމަށް ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ޔުނިވަރސިޓީތަކުން ބުންޏެވެ.
މައި ކިއު ސްޓަޑީޒްއިން އަންނަނީ، 2019ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ފެއާތައް ބާއްވަމުންނެވެ. ފެއާގެ ތެރެއިން ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި ހުރި ކޯސްތަކުގެ މަޢުލޫމާތު ދޭނެއެވެ.
ކޮންމެ އަހަރަކު ބާއްވާ ފެއަރތަކަށްވެސް އާންމުންގެ ފަރާތުން އޮންނަ ތަރުޙީބު އިތުރުވަމުން އަންނަ ކަމަށް މައި ކިއު ސްޓަޑީޒްއިން ފާހަގަކުރައްވައެވެ. އަދި އެކި ޤައުމުތަކަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންގެ އަދަދު އިތުރުވާކަން ފާހަގަކުރެވޭކަމަށްވެސް މައި ކިއު ސްޓަޑީޒްއިން ބުނެއެވެ.