ޚަބަރު

ހުވަދުއަތޮޅަށް ޚާއްސަކުރި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ކާމިޔާބު


  • ގއ. އަދި ގދ އަތޮޅުގެ ރަށްރަށުގެ ސްޕޯޓްސް ކައުންސެލަރުން ބައިވެރިވި

  • ޖުމްލަ 40 މީހުން ވަނީ ބައިވެރިވެފައެވެ.

ހުވަދުއަތޮޅުގެ ރަށްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްހީދުއެވެ. މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަޤްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ "ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓް"ގެ ބެލުމުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާ ޤައުމީ ޕްރޮގްރާމެކެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްހީދު ވިދާޅުވީ މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް ގިނަ ބައިވެރިންން ހިމެނޭހެން މި ޕްރޮގްރާމް ކުރިއަށް ގެންދަން ޖެހޭކަމަށެވެ. އެގޮތުން މި ޕްރޮގްރާމްއިން ބައިވެރިނަށް މުހިންމު މައުލޫމާތުތަކެއް ދަސްވެގެން ދިޔަކަން ވަނީ ފާޙަގަކޮށްފައެވެ. ތަމްހީދު ވަނީ ޕްރޮގްރާމްގެ ބައިވެރިން އެ ބައެއްގެ ރަށްތަކުގައި މި ޕްރޮގްރާމް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔުމަށް ވަނީ އެދިލައްވާފައެވެ.

ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރުގެ ނައިބު ހުސެއިން ރައުހަތު ގުދުރަތުއްﷲ ވިދާޅުވީ ހުވަދު އަތޮޅުގައި މި ކުރިއަށްގެންދުވުނު ޕްރޮގްރާމްގެ ސަބަބުން މި ސަރަހައްދުގެ ރަށްތަކުގެ މެދުގައި މުހިންމު ގުޅުން ރަނގަޅުވެގެންދާނެކަމަށެވެ. މި ޕްރޮގްރާމްގެ ޒަރިއްޔާއިން ތަމްރީނުވެގެންދިޔަ ސްޕޯޓްސް ކައުންސިލަރުން ސަރުކާރުން ފައްޓަވާފައިވާ މި ޤައުމީ ޕްރޮގްރާމްގެ މަޤްސަދު ހާސިލްކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ބައިވެރިން ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަވަމުން ވަނީ މި ފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަން ފާހަގަކޮށްފައެވެ. ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ގއ، ގދ ސަރަހައްދުގައި ހިމެނޭ ސްޕޯޓްސް ކައުންސެލަރުންނާއި، ވިލިގިނލީގެ މުއައްސަސާތަކުގެ މީހުން ހިމެނޭގޮތަށް ޖުމްލަ 40 މީހުން ވަނީ ބައިވެރިވެފައެވެ. ހަށިހެޔޮ ރާއްޖެ ޕްރޮގްރާމް

މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ވަނީ ކުޅިވަރުގެ މައިދާނުގައި ކުޑަކުދިންނަށް ދިމާވެދާނެ ނުރައްކާތަކާއި ކުދިންގެ ރައްކާތެރިކަމާ ގުޅޭ ކަންބޮޑުވުންތައް ދެނެގަންނާނެ ގޮތްތަކާއި އެފަދަ ހާލަތްތަކުގައި ޢަމަލުކުރަންޖެހޭ ރަސްމީ އިޖުރާއަތްތަކާ ގުޅޭ މުހިންމު މައުލޫމާތުތައް ބައިވެރިންނަށް ފޯރުކޮށްދެވުނެވެ. އަދި މޫދާއި އެއްގަމުގައި ކުރާނެ ކަސްރަތުތަކާއި މޫދުގައި ކަސްރަތު ކުރާނެ ފަންނީ އުކުޅުތަކުގެ ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅީގައި މިންހެޔޮ ކާނާ ބޭނުންކުރާނެ ރަނގަޅު ގޮތްތަކާއި، ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ލުއިކޮށް ދުޅަހެޔޮ މިންގަނޑެއްގައި ހިފެހެއްޓުމަށް ބޭނުންވާ މުހިންމު އިރުޝާދުތައް ބައިވެރިންނަށް ފޯރުކޮށްދެވުނެވެ. އަދި ކަސްރަތުކުރުމުގައި އެރަށަކުން ލިބެން ހުރި ގުދުރަތީ ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުންކުރުމަށް ޕްރޮގްރާމުގެ ބައިވެރިނަށް ވަނީ ކިޔާދީފައެވެ. އަދި އަލަށް ފަށައިގަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި ތަމްރީނުތައްވެސް ވަނީ ކިޔާދީފައެވެ.