ހުޅުމާލެ ފޭސް 2ގެ ބީޗު ސަރަޙައްދުގައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމާއި، މަސްބާނަން ދެވޭނެ ޚާއްސަ ސަރަހައްދެއް ޤާއިމުކުރުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއިން އާންމުންގެ ޚިޔާލަށް ހުޅުވާލައިފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ތައްޔާރުކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ދަނީ ކުރަމުންނެވެ. އަދި މި ރިޕޯޓަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް އެއްކުރުމުގެ ގޮތުން އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް މިހާރު ވަނީ، ޚާއްސަ ސަރވޭއެއް ފަށާފައެވެ. މިސާވޭ ފޯމު އެޗްޑީސީގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްއިން ލިބެން ހުންނާނެއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި މި ސަރވޭގެ މައިގަނޑު ބޭނުމަކީ އާންމުންގެ އިތުރުން މުނިފޫހިފިލުވުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިހާރު އެ ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތާއި، އެ ސަރަހައްދުގެ މިހާރުގެ ހާލަތު ދެނެގަތުމެވެ. މީގެއިތުރުން އަލަށް ހަދާފައިވާ މޫދުގެ ސަރަހައްދާއި މަސްބާނާ ޕްލެޓްފޯމާ މެދު ރައްޔިތުން ދެކޭގޮތް ބެލުންވެސް މި ސަރވޭގެ ތެރޭގައި ހިމެނެއެވެ. މި ސަރވޭއިން ލިބޭ މަޢުލޫމާތުތަކަކީ އީއައިއޭ ރިޕޯޓުގެ ހުށަހެޅުންތައް އެކުލަވާލުމަށާއި، މުޖުތަމައުގެ ބޭނުންތަކަށް ރިއާޔަތްކޮށް މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީއެއް ކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ.
ހުޅުމާލެ ފޭސް 2ގެ ބީޗު ސަރަޙައްދު ތަރައްޤީ ކުރުމަށް އެކުލަވާލާފައިވާ ޕްލޭން ވަނީ، މައިގަނޑު ދެ ބަޔަކަށް ބަހާލާފައެވެ. އެއީ، އާޓިފިޝަލް ސްވިމިންގ ސަރަޙައްދާއި، މަސްބާނާ ޕްލެޓްފޯމެކެވެ.
އާޓިފިޝަލް ސްވިމިންގ ސަރަޙައްދުގެ ބައިގެ ދަށުން ފްލޯޓިންގ ޕޮންޓޫނަކާއެކު ރައްކާތެރި މޫދަށް އެރޭ ސަރަހައްދެއް ޤާއިމުކުރުމާއި، އެއްގަމުގައި ފެންވަރާ އައުޓްޑޯރ ތަނަކާއި، ފަސޭހައިން މޫދަށް ފޭބޭނެ ގޮތަށް ހަދާ ޚާއްޞަ ރޭމްޕެއް ހިމެނެއެވެ.
މަސްބާނާ ޕްލެޓްފޯމުގެ ބައިގައި ހިމެނެނީ ވަރުގަދަ ކޮންކްރީޓް ޑެކަކާއި، އެތަނަށް ދިއުމަށް ޚާއްޞަކުރާ ހިތްގައިމު ވޯކްވޭއެކެވެ. މީގެއިތުރުން އަރާމުކޮށްލަން އިށީނދެވޭނެ ގޮތަށް ހިޔާކޮށްފައިވާ ބެންޗުތަކާއި، މަސްކަނޑަން ބޭނުންކުރެވޭނެ ޚާއްޞަ އިންތިޒާމުތައްވެސް މި ޕްލެޓްފޯމުގައި ހިމެނިގެންދާނެއެވެ.
މި މަޝްރޫއު ނިމުމަކީ، ހުޅުމާލެ ފޭސް 2ގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ރައްކާތެރިކަމާއެކު މުނިފޫހިފިލުވުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމެކެވެ. އެޗްޑީސީން ވިދާޅުވީ، ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ، އަމާން އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމަށެވެ.