މިޔަންމާގައި ކުރިއަށްދިޔަ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި މިޔަންމާ އަތުން 6-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.
އާދީއްތަ ދުވަހު ކުޅުނު މި މެޗަށް ނުކުތްއިރު ވެސް ރާއްޖެ އާއި މިޔަންމާ ވަނީ މުބާރާތުގެ ކޮލިފައިން ފޭސް އިން ޖާގަ ޔަގީންކޮށްފައެވެ. ރާއްޖެއަށް ކޮލިފައިންގެ ޖާގަ ޔަގީންވީ ބުރޫނާއީ އަދި ސްރީލަންކާ އަތުން ހޯދި މޮޅާއެކުގައެވެ. ރާއްޖެއިން ފުރަތަމަ މެޗުގައި ބުރުނާއީ އަތުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ސްރީލަންކާ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ 10 ވަނަ މިނިޓްގައި މިޔަންމާއިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ ސައި ބޯ ބޯއެވެ. އަދި މެޗުގެ 21 ވަނަ މިނިޓްގައި މިޔަންމާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މިއީ މިޔަންމާގެ ތުރާ މިން ތަންޓު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖޭގެ އިތަން އިބްރާހީމް ޒަކީ ފޮނުވާލި ބޯޅަ މިޔަންމާގެ ކީޕަރު ސައި ކަންޓް މިންޔޯ ވަނީ ދިފާއުކޮށްފައެވެ.
ދެވަނަ ހާފުގައި މިޔަންމާއިން ވަނީ މުޅި މެޗުގެ ކޮންޓްރޯލް ނަގައިފައެވެ. އެގޮތުން މެޗުގެ 52 ވަނަ މިނިޓްގައި މިޔަންމާގެ ތުރާ މިން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. އަދި މިޔަންމާގެ ހަތަރުވަނަ ގޯލު ލިބުނު ހިލޭ ޖެހުމެއްގެ ފައިދާ ނަގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކިޔާލް ޔައުންއެވެ. މިޔަންމާއިން ޖެހި ފަސްވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ކައުން ކަޓްއެވެ. އަދި މެޗު ނިމެން ފަސް މިނިޓްއަށްވެފައި ހުއްޓައި މިޔަންމާގެ ހަވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ ސްވަން ޒަރް ނީއެވެ.
މި މޮޅާއެކު މިޔަންމާއަށް ގްރޫޕްގެ އެއްވަނަ ލިބެނީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ރާއްޖެ އަށް ތިން މެޗުން ހަ ޕޮއިންޓް ވަނީ ލިބިފައެވެ.