ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޢައްޔަނުކުރައްވައިފިއެވެ. އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން ހުންނެވި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ ދައުރު ހަމަވުމާގުޅިގެންނެވެ.
އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު އުފެދުމަށްފަހު އެންމެ ފުރަތަމަ އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމު އަދާކުރެއްވި ބޭފުޅާއެވެ. އޭރު މަޤާމަށް އޭނާ ޢައްޔަންކުރެއްވީ، 22 ޖުލައި 2014 ގައެވެ. އެ މަޤާމުގައި އޭނާ ހުންނެވީ، 22 ޖުލައި 2019އާ ހަމައަށެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބަހުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިވަގުތު ހުންނެވީ، ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ.