ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކާއެކު 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށްދާއިރު، ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވަނީ ހަމައެކަނި ޢިމާރާތްކުރާ ފްލެޓުތަކުން ނޫންކަމަށެވެ. އަދި ހިނގަމުންދާ ސަރުކާރެއްގެ ދައުރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ފަށައި، އެ ދައުރުގެ ތެރޭގައި އެ ތަންތަނުގައި ދިރިއުޅުން ފެށުމުގެ ފުރުޞަތަކީ މީގެކުރިން ދިން ފުރުޞަތެއް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ. މި ސަރުކާރުން ބާރު ދުވެލީގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް އެކި މަރުހަލާތަކުގައި ކުރިއަށް ގެންދާ ކަމަށާއި، މި ދައުރުގެ ތެރޭގައި ގިނަ ރައްޔިތުންތަކަކަށް އެ އިމާރާތްތަކުގައި ދިރިއުޅެން ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބޯހިޔާވަހިކަން ހަރުދަނާ ކުރުމަށް ލުއިފަސޭހަ ގޮތެއްގައި ލޯނު އެހީއާއި މާލީ އެހެނިހެން އެހީތައްވެސް ފަހިކޮށްދެވެމުންދާ ކަމަށެވެ. އަދި މިކަމާ ގުޅުންހުރި އިތުރު ތަފްސީލުތައް، ކަމާއި ގުޅުންހުރި އިދާރާތަކުން ހާމަކުރައްވަމުން ގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރަކީ، މިހާތަނަށް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫޢުތަކެއްކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ 113 މަޝްރޫޢެއްގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އަމާޒެކެވެ.