ޚަބަރު

ސްނޯކްލިންގެ ދުނިޔޭގެ ރެކޯޑު ބީއެމްއެލްއަށް


  • މި ހަރަކާތުގައި 314 މީހުން ބައިވެރިވި

  • ރެކޯޑު ހެދީ އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލް ކޮށްގެން

ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުސަދުގައި، އެއްވަގުތެއްގައި އެންމެ ގިނަ މީހުން ސްނޯކްލިންގ ހެދުމުގެ ދުނިޔޭގެ ރެކޯޑް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ކާމިޔާބުކަމާއެކު ގާއިމްކޮށްފިއެވެ.

ނިވަ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ޚާއްސަ ހަރަކާތުގައި ޖުމްލަ 314 މީހުން ވަނީ އެއްވަގުތެއްގައި ސްނޯކްލިންގްކޮށް، ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ. މި ހަރަކާތުގައި ބީއެމްއެލްގެ މުވައްޒަފުންގެ އިތުރުން ނިވަ ކުރުނބާ މޯލްޑިވްސްގެ މެނޭޖްމަންޓާއި، މުވައްޒަފުން ބައިވެރިވިއެވެ. އަދި އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިން ވެސް އަމަލީގޮތުން މިހަރަކާތުގައި ބައިވެރިވިކަމަށް ބީއެމްއެލްއިން މައުލޫމާތުދެއްވިއެވެ.

މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައި، ކަނޑައެޅިފައިވާ މިންގަނޑުތައް ފުރިހަމަވުމާ ގުޅިގެން ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. މި ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ނިވަ ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ މޯޓެން ޖޫނިއަރއެވެ.

ބީއެމްއެލްގެ އަމާޒަކީ، ރާއްޖޭގެ ދިރިއުޅުމާއި އިޤުތިސާދު ސީދާގޮތުން ބަރޯސާވެފައިވާ ކަނޑުގެ މުއްސަނދި ދިރުންތައް ހިމާޔަތްކުރުމުގެ މުހިންމުކަން މުޖުތަމައަށް ހާމަކޮށްދިނުމެވެ. މީގެއިތުރުން މިފަދަ ޤައުމީ އަދި ތިމާވެށީގެ މުހިންމު މަސައްކަތްތަކުގައި ވަކިވަކި ފަރުދުންނާއި މުޅި މުޖުތަމައު އަމަލީގޮތުން ބައިވެރިވުމަށް ހިތްވަރު ދިނުމަކީވެސް މި ހަރަކާތުގެ މައިގަނޑު އެއް މަޤުސަދު ކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްއިން ވިދާޅުވެފައިވާ ގޮތުގައި މި ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އީއެންވީ ޕީއޯއެސް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ކަމެކެވެ. މިއީ ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކުން ކުރާ ކޮންމެ މުއާމަލާތަކުން ލިބޭ އާމްދަނީގެ ބައެއް، ތިމާވެށީގެ އެކި މަޝްރޫއުތަކަށް ހޭދަކުރުމަށް އެކުލަވާލާފައިވާ ޚާއްސަ ނިޒާމެކެވެ.

މި ނިޒާމުގެ ދަށުން ބީއެމްއެލްއިން އަންނަނީ، "ޕާލޭ މޯލްޑިވްސް" އަދި "މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް" (މޯޕާ) ފަދަ ޖަމްއިއްޔާތަކާ ގުޅިގެން ކަނޑުތަކަށް އެޅޭ ޕްލާސްޓިކް ކުނި އެއްކޮށް ރީސައިކަލް ކުރުމަށް ބޭރު ޤައުމުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ ނާޒުކު ވެށްޓާއި ކަނޑުގެ ދިރުންތައް ރައްކާތެރި ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ޝަރަފުވެރި ދުނިޔޭގެ ރެކޯޑުން ރަމްޒުކޮށްދެނީ، ދެމެހެއްޓެނިވި ތަރައްޤީއަށާއި މުޖުތަމައުގެ ލާބައަށް ޤައުމީ ބޭންކުން ދޭ ޚާއްސަ އަހުމިއްޔަތުކަމެވެ. އަދި މިއީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އެންމެންގެ ބައިވެރިވުމާއި ފަރުދީ ޒިންމާ އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު އަދި ތާރީޚީ ފިޔަވަޅެކެވެ.