ޚަބަރު

މަދަނީ މައްސަލަތައް އަވަސްކުރަން ޤާނޫނު އިސްލާޙުކުރަނީ


  • ޝަރުޢީ ދާއިރާގެ ބަޖެޓުވަނީ ވަކިކޮށްފައި

  • ޝަރުޢީ ދާއިރާއަށް ނުފޫޒެއް ނެތް

މަދަނީ މައްސަލަތައް އަވަސްކުރަން ޤާނޫނު އިސްލާޙުކުރަން ނިންމާފައިވާކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، 3 ވަނަ ދައުރަށް މަޖިލީސް ހުޅުވުމާއެކު، ކޯޓުތަކާއި ބެހޭ ޤާނޫނަށް ބައެއް އިސްލާޙުތައް ހުށަހަޅުއްވާނެކަމަށެވެ. މަދަނީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، މައްސަލަތައް އަވަސްކުރުމަށާއި، މަދަނީ މައްސަލަތަކުގެ މަރުހަލާ ފަސޭހަކުރުމަށް މަދަނީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާޙު ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަދަނީ ކުދިކުދި މައްސަލަތައް ފަސޭހައިން ކޯޓަށް ހުށަހެޅޭ ގޮތަށް، އަވަހަށް މައްސަލަތައް ހައްލުކުރުމަށް ކޯޓެއް ޤާއިމްކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެންނަވާނެކަމަށެވެ. އަދި ވިޔަފާރިތަކާއި ގުޅުންހުރި މައްސަލަތައް އަވަސްކުރުމަށް އިސްލާޙުތަކެއް ހުށަހަޅުއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ އަމާޒަށް ވާސިލްވުމަށް ސިވިލް ކޯޓުގައި ކޮމާޝަލް ޑިވިޜަނެއް ޤާއިމްކުރުމަށް ނުވަތަ ވަކި ކޯޓެއް ޤާއިމްކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ސްމޯލްސްޕްލެއިން ކޯޓެއް ޤާއިމްކުރުން މިއީ މެނިފެސްޓޯގައި ވެސް ހިމަނާފައިވާނެކަމެއް. އޭރުން ކުދިކުދި މައްސަލަތައް މިސާލަކަށް 1 ލައްކައަށް ވުރެ ކުދި މައްސަލަތައް އަވަހަށް ހުށަހެޅި އަވަަހަށް ނިންމާލެވޭނެ. އަވަހަށް މައްސަލަތައް ހުށަހެޅި ނިންމޭ ގޮތަށް ކުދިކުދި ވިޔަފާރިތަކަށްވެސް ފަސޭހަވާނެ." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުގެ ނިޒާމް ޚަރަދު ކުޑަ ނިޒާމަކަށް ބަދަލުކުރުމަކީ އަމާޒެއްކަމަށެވެ. އަދި ޝަރުޢީ ނިޒާމު މިނިވަންކުރުމަށާއި އެ ނިޒާމު ހަރުދަނާކުރުމަށް މިހާތަނަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރެއިން އެންމެ ބޮޑު މަސައްކަތަކީ ޝަރުޢީ ދާއިރާގެ ބަޖެޓް އެއްކޮށް ވަކިކޮށްދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޝަރުޢީ ދާއިރާގެ ބަޖެޓް ބޮޑުކޮށްދިނުމުގެ އިތުރުން، ޝަރުޢީ ދާއިރާއިން ބޭނުންވާ ގޮތަށް އެ ދާއިރާ މިހާރު މިނިވަންކޮށްފައިވާކަމަށެވެ.

ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމަށް ބަޔަކާއެކު ސޮއިކޮށް، އެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓުގެ ހިންގުން ހުއްޓިފައި ވަނިކޮށް އެ ދެ ކޯޓަށް ޚާއްސަ އިމާރާތެއް އަޅައިދީ، އެ ކޯޓުތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެއްސީވެސް މި ސަރުކާރުންކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިނިވަންކޮށްދިނުމަށް ވަރަށް ގިނަ ކަންތައްތައް އެބަ ކުރެވޭ. ނުފޫޒެއް ނުހިނގާ. އެއްވެސް ކޭސް އެއް ވަކިގޮތަކަށް ނިންމާކަށް ނުބުނޭ. މިނިވަންކުރުމުގެ ސިޔާސަތުގެ ދަށުން ވަރަށް ގިނަ ކަންކަން ކުރެވޭ. އެއާއެކީގަ އާއްމު ރައްޔިތުންނާ ގުޅުން ހުރި މައްސަލަތައް ބެލުން އަވަސްކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރާނަން." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް ޤާނޫނަށް މި ސަރުކާރުން މުހިންމު ބަދަލުތަކެއް ގެންނަވާފައިވެއެވެ. މީގެއިތުރުން، ރާއްޖޭގެ ޝަރުޢީ ދާއިރާގެ ފުރިހަމަ މާލީ މިނިވަންކަން ކަށަވަރު ކުރުމަށް ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ނިންމަވާފައެވެ.