ޕާކިސްތާނުގެ ޓެސްޓް ކްރިކެޓް ޓީމުގެ މުހިންމު ދެ ކުޅުންތެރިންނަށް ރިޝްވަތުގެ ތުހުމަތު ކުރެވި މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ތުހުމަތު ކުރެވިފައިވާ ދެ ކުޅުންތެރިންނަކީ ޓެސްޓް ކްރިކެޓް ޓީމުގެ ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ އިމާމުލް ހައްގު އާއި މުހައްމަދު ރިޒްވާނަށެވެ. މި ދެ ކުޅުންތެރިންނަށް ދެ ތުހުމަތެއް ކުރެވެ އެވެ. ފުރަތަމަ ތުހުމަތަކީ މިމަހު ކުރީކޮޅު އިންގްލޭންޑާއެކު ކުޅުނު ޓެސްޓް ކްރިކެޓް ސިލްސިލާގެ ދެ ވަނަ މެޗުގައި އެ ގައުމު އަތުން 194 ލަނޑުން ޕާކިސްތާން ބަލިވި ލަދުވެތި ނަތީޖާއާ ދިމާކޮށް ދެ ކުޅުންތެރިންގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވުމެވެ. ކުޅުންތެރިންނަށް ފައިސާ ޖަމާކޮށްފައިވަނީ ވަކިވަކި ފަރުދުންނާއި ބައެއް ކުންފުނިތަކުން ކަމަށް ވެސް ޕާކިސްތާނުގެ މީޑިޔާތަކުން ބުނެ އެވެ.
މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާއިރު ދެ ކުޅުންތެރިން ވަނީ ޕާކިސްތާނުގެ ދެ ނެޝަނަލް ސައިބާ ކްރައިމް އިންވެސްޓިގޭޝަން އެޖެންސީ (އެންސީސީއައިއޭ)ގެ ފުލުހުންގެ ތަހުގީގު ޓީމުން ސުވާލު ކުރުމަށް ހާޒިރު ކޮށްފަ އެވެ. ގާތްގަނަޑަކަށް ދެ ގަޑިއިރު ތަހުގީގު ޓީމުގެ ކުރިމަތީގައި ހޭދަކުރުމަށްފަހު ކުޅުންތެރިން ނުކުތް މަންޒަރު ޕާކިސްތާނުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ. އަދި މި ދެ ކުޅުންތެރިންނަށް ތުހުމަތު ކުރެވޭ އަނެއް މައްސަލައަކީ ޗޭންޖިން ރޫމުގެ މައުލޫމާތުތައް ލީކު ކުރުން ކަމަށް ވާތީވެ އެކަމާ ބެހޭ ގޮތުން ތަހުގީގުގައި ސުވާލު ކުރި ކަމަށް ވެސް މީޑިޔާތަކުން ބުނެ އެވެ.
އެންސީސީއައިއޭ އިން ބުނީ ފުލުހުން ތަހުގީގު ކުރަމުންދަނީ މި ދެ ކުޅުންތެރިން ފޯނުން ކޮށްފައިވާ މުއާމަލާތްތައް ކަމަށެވެ. އަދި ފޯނުން މިހާތަނަށް މި ފައިސާތަކާ ގުޅުންހުރި މުއާމަލާތްތައް ފެނިފައިވާތީވެ ދެ ކުޅުންތެރިންނަށް ވެސް ޖަވާބުދާރީވާން ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް ދެ ކުޅުންތެރިން ވެސް ވަނީ ދިފާއީ ޖަވާބު ދޭން ވަގުތު ބޭނުންވާ ކަމަށް އެދިފަ އެވެ.
މީގެ އިތުރުން އިންގްލޭންޑް މެޗަށް މިދެ ކުޅުންތެރިން ނެގި ސަބަބާމެދު ސުވާލު އުފައްދައި ޕާކިސްތާނުގެ ސިލެކްޝަން ކޮމިޓީގެ ތަހުގީގެއް ވެސް ވަނީ ފަށައިފަ އެވެ. ސަބަބަކީ ޕާކިސްތާން ޕްރެޒިޑެންޝަން ޓްރޮފީ ގްރޭޑް އެކެއްގެ މުބާރާތް ކުޅެން ހެދި ފިޓްނަސް ޓެސްޓުން މި ދެ ކުޅުންތެރިން ފެއިލްވެފައިވާތީ އެވެ. މުއްދަތު ހަމަވިއިރު ކުޅުންތެރިން މެޑިކަލް ރިޕޯޓްތައް ކުލަބަށް ހުށަހަޅާފައި ވެސް ނުވެ އެވެ. އިމާމުލް ހައްގު ކުޅެނީ ޕާކިސްތާނުގެ ތެލާއި ގޭހާ ބެބޭ ކުންފުނީގެ ޓީމަށެވެ. ރިޒްވާން ކުޅެނީ އެ ގައުމުގެ ގޭސް ޕައިޕްލައިން ލިމިޓެޑަށެވެ. ނަމަވެސް ގަވާއިދުގައިވާ ގޮތިގެ މަތީން ފިޓްނަސް ޓެސްޓް ހަދާފައިނުވާތީވެ މި ދެ ކުޅުންތެރިންނަށް މުބާރާތުގައި ނުކުޅެވޭނެ އެވެ.
އިންގްލޭންޑް އަތުން ބަލިވި މެޗަށް ފަހު ޕާކިސްތާނުގެ ކެރިކެޓް ބޯޑުން ވަނީ ހަތް ކުޅުންތެރިކާއި ޓީމުގެ ކޯޗިން ސްޓާފުން މަގާމުން ވަކިކޮށްފަ އެވެ. މިކަމާ ގުޅިގެން ކުރީގެ ބައެއް ކުޅުންތެރިން ފާޑުކިއުން އަމާޒުވެ، ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ރައީސް އަދި އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ވަނީ ރައްދު ވެސް ދީފަ އެވެ.