ޚަބަރު

ގައްދޫ ބަލިކޮށް ނިއުއަށް ތާރީޙީ މޮޅެއް


  • މެޗުން ނިއު މޮޅުވީ 0-2 އިން

  • މިއީ މާލެއިން ބޭރުގައި ކުޅުނު ދިވެހި ލީގުގެ ފުރަތަމަ މެޗު

އައު ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ ރެކްރިއޭޝަން ކްލަބް ބަލިކޮށް ލީގުގައި ފެށުން ރަނގަޅުކޮށްފިއެވެ.

މިއީ ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ވެސް، މާލެއިން ބޭރުގައި ދިވެހި ލީގުގެ މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. ގދ. ގައްދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު ތާރީޚީ މި މެޗުން ނިއު މޮޅުވީ 0-2ގެ ނަތީޖާއަކުންނެވެ.

މި މެޗު ކުޅެން އެންމެފުރަތަމަ ތާވަލުކުރީ ހުކުރު ދުވަހުގެ ހަވީރުއެވެ. އެހެންނަމަވެސް ބޯކޮށް ވާރޭވެހި، ދަނޑުގައި ފެންބޮޑުވުމާ ގުޅިގެން މި މެޗު މިއަދު ހަވީރަށް ފަސްކުރީއެވެ.

ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ނިއުއިން ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ނުވަ ވަނަ މިނެޓުގައެވެ. މިއީ، އަރިމަތިން ނިއުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ނެގި ހުރަހަކުން، ބްރެޒިލް ފޯވާޑް، ޑޮރިއެލްޓަން ގޯމޭސް (ޑޯރީ) ބޮލުން ޖެހި ގޯލެކެވެ.

އޭގެ އިރުކޮޅެއްފަހުން ނިއުގެ އަލީ ފާސިރު (ސެންޓޭ) އަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ނިއުއިން މެޗުގައި ދެވަނަ ލަނޑުޖަހައި ލީޑުފުޅާކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މި ލަނޑުވެސް އެޓީމަށް ޖަހައިދިނީ ޑޯރީއެވެ. މިއީވެސް ޑަ ސިލްވާ ނަގައިދިން ހުރަހަކުން ޑޯރީ ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުން މޮޅުވެ ތިން ޕޮއިންޓާއެކު ނިއު އިން ލީގު ފެށިއިރު ލީގުގައި ކުޅޭ ދެވަނަ މެޗުގައި ނިއުއިން އަންނަ ހުކުރު ދުވަހުގެރޭ ނުކުންނާނީ އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.

މި ސީޒަނުގައި މިހާތަނަށް ތިން ފަހަރަށް މާޒިޔާއާއި ނިއު ވާދަކޮށްފައިވާއިރު އޭގެތެރެއިން ދެ މެޗުން މާޒިޔާ ވަނީ މޮޅުވެފައެވެ. އެއީ ޗެރިޓީ ޝީލްޑް މެޗާއި ކަޕް ވިނާސް ކަޕްގެ ފައިނަލް މެޗެވެ. ދެން މި ދެޓީމު ވާދަކުރީ ކަޕް ވިނާސް ކަޕުގެ ގުރޫޕު ސްޓޭޖުގައެވެ. އެ މެޗު ނިމުނީ ދެޓީމު އެއްވަރުވެގެންނެވެ.

ލީގުގައި ގައްދޫއިން ދެވަނަ މެޗުގައި ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. އަންނަ ހުކުރު ދުވަހުގެ ހަވީރު ކުޅޭ އެ މެޗުވެސް އޮންނާނީ ގައްދޫ ދަނޑުގައެވެ.