ޚަބަރު

މިސްކިތްތަކާއި ވަޤުފުތައް ބެލެހެއްޓުމަށް ކުންފުންޏެއް އުފައްދައިފި


  • މި ކުންފުނި އުފައްދާފައިވަނީ ރައީސްގެ ޚާއްސަ ޤަރާރަކުން

  • މިސްކިތްތަކާއި ވަޤުފުތައް ބިނާކުރުމާއި ބެލެހެއްޓުމުގެ ކަންކަން ކުރާނެ

"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ރައީސްގެ ޚާއްސަ ޤަރާރަކުންނެވެ.

މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށް އުފެއްދެވި ކުންފުންޏެކެވެ.

ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްވެސް މި ކުންފުނިން ކުރާނެއެވެ.

ރައީސްގެ ޤަރާރުގައި ވަނީ އެ ކުންފުނީގެ ދަރަންޏަށް ޝަރުޢީ ބޭނުންތަކަށާއި އެހެން ހުރިހާ ހާލަތެއްގައިވެސް ސަރުކާރުން ޒިންމާވާނީ ކުންފުނީގެ ހިއްސާއިން އުފެއްދުމަށް ކަނޑައަޅާފައިވާ ރައުސްމާލުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންނަށް ސަރުކާރުން ދައްކާފައި ނުވާނަމަ އެ މިންވަރަަކަށްކަމަށެވެ. އަދި ކުންފުނީގެ ރައުސްމާލަކީ 100 ރުފިޔާގެ 1،000،000 ރުފިޔާގެ ހިއްސާގެ މައްޗަށް ބަހާލާފައިވާ 100 މިލިޔަން ރުފިޔާކަމަށް ޤަރާރުގައިވެއެވެ.

"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވާއިރު މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ 4 އަތޮޅެއްގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ތިނަދޫ ސިޓީއާއި ކުޅުދުއްފުށި ސިޓީއާއި އައްޑޫސިޓީ ހިތަދޫގެ އިތުރުުން ގއ. ވިލިނގިލީގައެވެ. މިވަޤްފު މަޝްރޫޢުތަކަކީ އޮފީސް ބަޔާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސް އެކެވެ.

އަތޮޅުތަކުގައި ޤާއިމްކުރާ ވަޤުފް އިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ރަނގަޅުކުރުމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ދީނީ އެކި ހަރަކާތްތައް ހިމެނެއެވެ. މި އިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކައުންސިލްތަކުންނެވެ.

މާލެއާއި ހުޅުމާލޭގައިވެސް ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. މާލޭގައި ތަރައްޤީކުރާ ވަޤުފު އިމާރާތުން އަހަރަކު 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު ހުޅުމާލޭގައި ތަރައްޤީކުރާ ވަޤުފު އިމާރާތުން އަހަރަކު 60 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެއެވެ.

މިތަންތަނުން ލިބޭ އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް އަދި ބާކީ ހުރި %80 އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.