ވަކިވަކި ރައްޔިތުންގެ ކަންބޮޑުވުން ޙިއްސާކުރެވޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި އިތުރު 8 ދާއިރާއަކުން ބައިވެވޭގޮތަށް ހުޅުވަލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންވާ މީހުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދިނުމަށްޓަކާ ފަށްޓަވާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު ޕްރޮގްރާމަތްކަކުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ނަން ނޯޓުކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.
މި ސިލްސިލާގައި ވަކިވަކި ދާއިރާތަކަށް ނިސްބަތްވާ ގޮތަށް ބައިވެރިވުމަށް ދަނީ ހުޅުވާލަމުންނެވެ. މިފަހަރު ހުޅުވާލާފައިވަނީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، ބާރަށު ދާއިރާ، ކާށިދޫ ދާއިރާ، މަތިވެރި ދާއިރާ، ވިލިނގިލި ދާއިރާ، ހުޅުމާލެ ދެކުނު ދާއިރާ، އަދި ގަލޮޅު އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.
"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ރައްޔިތުންނަށް، އެކަމަށް ޚާއްސަކޮށްފައިވާ ވެބްސައިޓް rayyithungeadu.presidency.gov.mv މެދުވެރިކޮށް ހުށައެޅޭނެއެވެ. ރެޖިސްޓަރކުރެވޭނީ މިމަހުގެ 21 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ނިޔަލަށެވެ.
Apply now to take part in Rayyithunge Adu at:
— Government of Maldives (@governmentmv) September 12, 2026
🔗https://t.co/24R1vrITNK pic.twitter.com/k9EnxtVaRV
"ރައްޔިތުންގެ އަޑު" ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު، ރައީސް އޮފީހުގެ ވެބްސައިޓުން ފެންނާނެއެވެ.
ބައްދަލުވުމުގައި ބައިވެރިވާ ފާރަތްތަކުގެ އަމިއްލަ ވާހަކައާއި، އެ ފަރާތެއް ނިސްބަތްވާ އިދާރާއާ ގުޅުންހުރި ވާހަކައާ މުޅި ރައްޔިތުންގެ މަސްލަހަތު އެކުލެވޭ ކަންކަމުގެ ވާހަކަ ދެއްކިދާނެ ކަމަށާއި، އަދި ރައީސްއާއެކު ބާއްވާ ބައްދަލުވުން އޮންނާނެ ތާރީޚާއި ވަގުތު ހުށަހަޅާފައިވާ މުއާމަލާތް ކުރާ ވަސީލަތް މެދުވެރިކޮށް އަނގާނެކަމަށް އުސޫލުގައި ބުނެފައިވެއެވެ.
މި އުސޫލުގެ ދަށުން ބައްދަލުވުމުގެ ބައިވެރިވުމަށް ހާޒިރުވާ ފަރާތާއެކު އެ ފަރާތުގެ އަބިމީހާ ނުވަތަ ފިރިމީހާ، އެ ފަރާތުގެ އެއް ދަރި އަދި މަންމަ ނުވަތަ ބައްޕަ ގެންދެވޭނެއެވެ. މި ބައްދަލުވުމުގައި ވާހަކަ ދެއްކުމަށް ކޮންމެ މީހަކަށްވެސް 10 މިނެޓުގެ ވަގުތެއް ދެވޭނެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވާ އެންމެހައި ބައިވެރީންގެ އަމަލުތައް ބަހައްޓަންވާނީ، އަދަބުވެރިކަމާއެކު ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި ސިލްސިލާގައި މިހާތަނަށް 5 އެޕިސޯޑް ވަނީ ކުރިއަށްގެންގޮސްފައެވެ. ވަކިވަކި ދާއިރާތަކަށް ޚާއްސަކޮށް މީގެކުރިން 2 އެޕިސޯޑެއްވަނީ ކުރިއަށްގެންގޮސްފައެވެ. އެއީ 16 ދާއިރާއެވެ.